ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި އާޖެންޓީނާ ބަލިކުރާނެ ކަމަށް ކޭޕް ވާޑޭގެ ރައީސް ހޯސޭ މާރިއާ ނެވޭސް ވިދާޅުވެއްޖެއެވެ.
”އަޅުގަނޑު ދެކޭ ގޮތުގައި ކޭޕް ވާޑޭއިން އާޖެންޓީނާ 1-0 އިން ބަލިކުރެވޭނެ،“ ބީބީސީއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ކޭޕް ވާޑޭގެ ރައީސް ވިދާޅުވިއެވެ.
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އާއި ކޭޕް ވާޑޭ ބައްދަލުކުރާ މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުގެރޭ ދަންވަރެވެ.
ކޭޕް ވާޑޭއަކީ މިފަހަރުގެ ވޯލްޑް ކަޕްގައި އެންމެ ބޮޑަށް މަޝްހޫރުވި އެއް ޓީމެވެ. ގްރޫޕް ސްޓޭޖްގައި ސްޕެއިން އާ ދެކޮޅަށް ކުޅެ 0-0 އިން އެއްވަރު ކުރުމާ ގުޅިގެން ކޭޕް ވާޑޭއަށް ދުނިޔޭގެ ސަމާލުކަން ލިބުނެވެ. ކޭޕް ވާޑޭ ހިމެނުނީ ގްރޫޕް އެޗްގައެވެ. އެ ގްރޫޕްގައި ހިމެނެނީ ސްޕެއިން އާއި ކޭޕް ވާޑޭގެ އިތުރުން އުރުގުއޭ އާއި ސައުދީ އަރަބިއްޔާއެވެ.
ކޭޕް ވާޑޭ މުބާރާތުގެ ދެވަނަ ބުރަށް ދިޔައީ ގްރޫޕްގެ ތިން ވަނައަށް ގޮސްގެންނެވެ. އެ ޓީމު ވަނީ އުރުގުއޭ އާ ކުޅެ 2-2 އިން އެއްވަރުކޮށްފައެވެ. އަދި ސައުދީ އަރަބިއްޔާއާ އެކީގައި ކުޅުނު މެޗު 0-0 އިން ވަނީ އެއްވަރުކޮށްފައެވެ.
އާޖެންޓީނާ ދެވަނަ ބުރަށް ދަތުރުކުރީ ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ނުވަ ޕޮއިންޓާއެކު ގްރޫޕް ޖީގެ އެއްވަނަ ހޯދައިގެންނެވެ. ފުރަތަމަ މެޗުގައި އާޖެންޓީނާ 3-0 އިން އަލްޖީރިއާ ބަލިކުރިއިރު، ދެވަނަ މެޗުގައި އާޖެންޓީނާ 2-0 އިން އޮސްޓްރިއާ ބަލިކުރިއެވެ. އަދި ފަހު މެޗުގައި އާޖެންޓީނާ އިން އުރުދުން ބަލި ކުރީ 3-1 އިންނެވެ.
ކޭޕް ވާޑޭގެ ރައީސް ވިދާޅުވީ އެ ޓީމުގެ ކުޅުންތެރިން މަސައްކަތް ކުރަން ޖެހޭނީ މޮޅުވާން ކަމަށެވެ. މޮޅުވުމުގެ އަޒުމް އޮތް ނަމަ، އެއީ ވެދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
”ކޭޕް ވާޑޭ ފަދަ ކުޑަ ގައުމަކުން އަބަދުވެސް އެކަން ކުރުމަށް މަސައްކަތް ކުރަން ޖެހޭ. އަބަދުވެސް މީހުން ހައިރާންކޮށްލުމަށް،“ ކޭޕް ވާޑޭގެ ރައީސް ވިދާޅުވިއެވެ.
މިއީ ކޭޕް ވާޑޭގެ ފުރަތަމަ ވޯލްޑް ކަޕަށްވާއިރު، ކޭޕް ވާޑޭއަކީ އެޓްލާންޓިކް ކަނޑުގައި އޮންނަ 10 ރަށުގެ މައްޗަށް އެކުލެވޭ ޖަޒީރާ ގައުމެކެވެ.
”ކޭޕް ވާޑޭގެ ޓީމުން %100 އުންމީދު ކުރޭ. ޖާޒީ ތެމެންދެން ދާ އޮހޮރުވާލާނެ. އެހެންވީމަ އާޖެންޓީނާ ބަލި ކުރުމުގެ %100 ފުރުސަތު އަޅުގަނޑުމެންނަށް އެބައޮތް.“ ވެރިރަށް ޕްރައިއާގައި ބީބީސީއަށް ދެއްވި އިންޓަވިއުގައި އެ ގައުމުގެ ރައީސް ވިދާޅުވިއެވެ.
”އަޅުގަނޑުމެން އާޖެންޓީނާ އާއި މެސީއާ ކުރިމަތިލާނީ ހަމަ އެ އަޒުމާއި ހަމަ އެ އިރާދަ އާއި މޮޅުވެ ދެން އޮތް މަރުޙަލާއަށް ދިއުމުގެ ޝައުގުވެރިކަމާ އެކު،“



