ހިޔާ ފްލެޓް ސަރަހައްދުގައި ކުށްކުރާ ކުދިން ނުވަތަ ކުށަށް އަރައިގަނެފާނެ ކުދިން ގިނަކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ރައީސް އޮފީހުން މިހާރު ގެނެސްދޭ ”ދަ ޕަލްސް“ ޕޮޑްކާސްޓް ސިލްސިލާގެ 3 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ ޤައުމީ މަސައްކަތްތަކުގެ ވާހަަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ މަސްތުވާތަކެތީގެ މައްސަލަޢާއި ކުށްކުރާ ކުދިން އަދަދު ގިނަވެފައިވަނީ ކުޜިގެ ސަރުކާރުތަކުން ގެންގުޅުނު ސިޔާސަތުތަކުގެ ސަބަބުންކަމަށެވެ. އެ މޭރުމުން ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު މިސާލެއްގެ ގޮތުގައި ނެންގެވީ އެމަނިކުފާނުގެ ހައުސިން މިނިސްޓަރުކަމުގައި ރައީސް ޔާމީންގެ ވެރިކަމުގައި އެޅި ހިޔާ ފްލެޓްތަކެވެ.
ރައީސް ވިދާޅުވީ ހިޔާ ފްލެޓް ސަރަހައްދުގައި ކުށްކުރާ ކުދިން އަދި ކުށަށް އަރައިގަނެފާނެ ކުދިން ގިނަކަމަށެވެ. ސަބަބެއްކަމަށް އެމަނިކުފާނު ވިދާޅުވީ އެކި ސަބަބުތަކާއި ހެދި އެކު ރަށްރަށުން އައި ގިނަ މީހުން އެ ސަރަހައްދުގައި އުޅެން ޖެހިފައިވުމުންކަމަށެވެ.
“ އޭގެ ސަބަބަކީ އެތަނުގައި އެބަ އުޅޭ އެކި ރަށްރަށުން އެކި ސަބަބުތަކަށްޓަކައި މަޖުބޫރީ ހާލަތުގައި މާލެއަށް ހިޖުރަކޮށްފަ ތިބި އެތައް ބަޔަކު. މިއީ މި ދެންނެވި ތަރައްގީއާ ގުޅިފައި ހުރި ކަމެއް އެނގޭތޯ. މާލެއަށް އަންނަން މަޖުބޫރުވާންޖެހޭ ސަބަބެއް އޮންނަން ޖެހޭނެ. އޮތީމަތާ އަންނާނީ. ދެން އެތަނުގައި މި އުޅެނީ ވަރަށް ގިނަ ރައްޔިތުން. އެކިއެކި ރަށްރަށުގެ ވަރަށް ގިނަ ރައްޔިތުން މި އުޅެނީ. އެ ކުދިންގެ ޕޭރެންޓުން، ބެލެނިވެރިން މަޖުބޫރީ ހާލަތުގައި ދެ ތިން ޖޮބު އަދާކުރަންޖެހޭ. ބޮޑު އަގުގައި ކުއްޔަށް ފްލެޓު ނަގަނީ،“ ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަކީ، މަސްތުވާތަކެއްޗާއި ކުށްތަކަށް އަރައިގަތުމުގެ ރޫޓް ކޯސްއެއް ކަމަށެވެ. އެހެންކަމުން އެކަންކަން ހައްލު ކުރަން ސަރުކާރުން ރަނގަޅު ސިޔާސަތުތަކެއް ތަންފީޒު ކުރަމުން އަންނަކަން ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ.
މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ މައިގަނޑު މަފްހޫމަކީ މިކަމުގެ ތެރެއަށް ވަދެފައި ތިބި ޒުވާން ކުދިން މިކަމުން ސަލާމަތްކޮށް، އެކުދިންނަކީ މުޖުތަމައަށް ބޭނުންހިފޭ، އަބުރުވެރި އަދި ބިނާކުރަނިވި ގޮތެއްގައި ދިރިއުޅެވޭނެ ގޮތް މެދުވެރިކޮށްދިނުން ކަމުގައި ރައީސް ވިދާޅުވިއެވެ
މަސްތުވާތަކެތީގެ ތެރެއަށް މީހުން ދާ ސަބަބުތައް ވަރަށް ގިނަކަން ފާހަގަކުރައްވައި، އެ މަނިކުފާނު ވަނީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރެވޭނީ މި މައްސަލައިގެ އަސްލު ސަބަބުތައް ހޯދައި އެ ކަންތައްތަކަށް ފަރުވާދީގެން ކަމަށް ވިދާޅުވެފައެވެ.



