މޮޅުވީ އަހަރުމެންކަން ދުނިޔެ ހެކިވާނެ، މެސީއަށްޓަކައި ބާރުގަދަ ’ތަލަ‘ ބޮލަކުން މޮޅު ފޭރިގަތީ: މިސްރު ކޯޗް
ދެންމެ | 08 ޖުލައި 2026
މިސްރުން މި މެޗު ފެށީ ވަރަށް ވަރުގަދަކޮށެވެ. މެޗުގެ ފުރަތަމަ 15 މިނެޓުގެ ތެރޭގައި ޔާސިރު އިބްރާހީމް ޖަހައިދިން ގޯލުން އެޓީމު ކުރިހޯދިއެވެ. އަދި ދެވަނަ ހާފުގައި މުސްތަފާ ޒީކޯ ޖެހި ގޯލުން މިސްރުން ލީޑު ފުޅާކުރިއެވެ. ނަމަވެސް، އޭގެ ކުރިން ޒީކޯ ޖެހި އެހެން ގޯލެއް ވީއޭއާރުން ބަލައި، ލިސަންޑްރޯ މާޓިނޭޒްއަށް ފައުލްކުރި ކަމަށް ބުނެ ވަނީ ކެންސަލްކޮށްފައެވެ.

މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ހަސަން ބުނީ، މިއީ ނަސީބު ދެރަވުމުގެ ވާހަކަ ދައްކަންވީ ވަގުތު ނޫން ކަމަށާއި، މިސްރު ޓީމަށް މިއަދު ކުރިމަތިވީ ބޮޑު ބޭއިންސާފެއް ކަމަށެވެ.

”އަހަރެމެން މިއަދު ބަލިވީ އިންސާފުން ބޭރުން، މަކަރު ހަދައިގެން. މުބާރާތުގައި ދުނިޔޭގެ ޗެމްޕިއަނުން ބޭތިއްބުމަށް ބަޔަކު ބޭނުންވީ ކަމަށް ލަފާކުރެވޭ،“ ހަސަން ބުންޏެވެ.

މެޗުގެ ފުރަތަމަ ހާފުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއަށް ލިބުނު ޕެނަލްޓީ މިސްރުގެ ގޯލްކީޕަރު މުސްތަފާ ޝޮބޭރު ދިފާއުކުރި ނަމަވެސް، ފަހުން ކްރިސްޓިއަން ރޮމޭރޯ އާއި މެސީ ޖެހި ގޯލުތަކުން އާޖެންޓީނާއިން ނަތީޖާ ހަމަހަމަކުރިއެވެ. މެސީ މި މުބާރާތުގައި ޖެހި އަށްވަނަ ގޯލާއެކު އާޖެންޓީނާއަށް އުންމީދު އާވި ނަމަވެސް، އެންޒޯ ފެނާންޑޭޒް މޮޅުވި ގޯލު ޖެހި އިރު، މިސްރުގެ ހަމްދީ ފަތީގެ ޖާޒީގައި ހިފައި ދެމި މައްސަލައިގައި ޕެނަލްޓީއެއް ނުދިނުމުން ހަސަން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ހަސަން ތުހުމަތުކުރި ގޮތުގައި މެސީ ފަދަ ބޮޑެތި ތަރިން މުބާރާތުގައި ބޭތިއްބުމަށް އޮފިޝަލުންނަށް ޕްރެޝަރު އޮވެއެވެ.

”ފަހަރުގައި އެމީހުން ބޭނުންވީ މެސީ މުބާރާތުގައި ބަހައްޓަން ކަމަށް ވެދާނެ. ދުނިޔޭގެ ޗެމްޕިއަނުންނަށް ހުރިހާ ފެންވަރެއްގައި އެހީތެރިކަން ލިބޭ،“ އޭނާ ބުންޏެވެ.

މީގެ އިތުރުން، މެޗު ކުޅުނު ގަޑިއާ މެދުވެސް ހަސަން ހިތްހަމަނުޖެހުން ފާޅުކުރިއެވެ. މެންދުރު 12 ޖެހިއިރު މެޗު ތާވަލުކުރުމަކީ ފުޓްބޯޅަ ކުޅޭ ބަޔަކު ކުރާނެ ކަމެއް ނޫން ކަމަށާއި، އެއީ ކުޅުންތެރިންނަށް ވަރަށް ބޮޑު ތަކުލީފަކަށް ވި ކަމަށް އޭނާ ފާހަގަކުރިއެވެ. މި ބޭއިންސާފުތަކާ ގުޅިގެން، ދެން އޮތް ވޯލްޑް ކަޕްގެ އެއްވެސް މެޗެއް ނުބަލާނެ ކަމަށް ބުނެ ހަސަން ވަނީ އޭނާގެ އިހުތިޖާޖު ފާޅުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!