ބުރިޖްގެ ތަބެއް 5 އަހަރުން ނުޖެހުނު ރައީސް އިބުރޭ އިތުރު ބުރިޖްތަކެއް ހަދަން ވައުދު ވެއްޖެ
ދެންމެ | 02 ސެޕްޓެމްބަރ 2023

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ފުރަތަމަ ފަސް އަހަރުގައި ނިންމަވަން އިއުލާނުކުރެއްވި ތިލިމާލެ ބުރިޖުގެ މަސައްކަތް ނުނިމެނީސް މާލެއާއި ފުނަދޫ ގުޅުވައިލެއްވުމަށް އެމަނިކުފާނު ވައުދުވެވަޑައިގެންފިއެވެ.

ރާއްޖެއަށް އެތެރެކުރާ ތެޔޮ ރައްކާކުރާ ފުނަދޫގައި ހުރި ތެޔޮ ތާނގިތައް އެހެންތަނަކަށް ބަދަލުކުރައްވާނެކަމަށް ރައީސް ވިދާޅުވީ މިރޭ ކާނިވާ ސަރަހައްދުގައި އުފާވެރި މާލެ ނަމުގައި ބޭއްވި އެމަނިކުފާނުގެ ކެމްޕެއިން ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ތެޔޮ ތާނގިތައް އެހެން ތަނަކަށް ބަދަލުކުރެއްވުމަށްފަހު ފުނަދޫގައި ޤާއިމުކުރައްވާނީ ޒަމާނީ ފެންވަރުގެ ވިޔަފާރި މަރުކަޒެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ރަށުގައި ހޮޓަލެއް ޤާއިމުކުރައްވައި ފުނަދޫއާއި މާލެ ގުޅުވައިލައްވާނެ ކަމުގައިވެސް ރައީސް އިބްރާހީމު ވައުދުވެވަޑައިގެންނެވިއެވެ.

ފުނަދޫއާއި މާލެ ގުޅުވައިލުމަށް ބޭނުންވާ ފައިސާ އެކުވެރި ޤައުމަކުން މިހާރުވެސް ހަމަޖެހިފައިވާކމަަށް ރައީސް ވިދާޅުވިއިރު އެ ފައިސާ ދެނީ ކޮން ޤައުމަކުން ކިހިނެއްކަން ސާފުކޮށް ވިދާޅުނުވެއެވެ.

ރައީސް އިބްރާހީމުގެ ވެރިކަމުގެ ފުރަތަމަ އަހަރުގައި މާލެއާއި ވިލިމާލެއާއި ގުޅިފަޅާއި ތިލަފުށި ބުރިޖަކުން ގުޅުވައިލާނެކަން އިއުލާނުކޮށް 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގަން އިންޑިއާއާއެކު އެއްބަސްވުމުގައި ސޮއިކުރިއެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ޒިޔާރަތެއްގައި އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް ބުރިޖުގެ އަމަލީ މަސައްކަތް ފެށުނީ 2021 ވަނަ އަހަރުގެ ފަހުކޮޅުގައެވެ.

ބުރިޖުގެ އަމަލީ މަސައްކަތް ލަހުން ފެށުނުއިރު މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް މާލެއާއި ވިލިމާލެ ގުޅުވައިލުމުގެ މަސައްކަތް ނިމޭނެކަމަށް ސަރުކާރާއި އެ މަސައްކަތް ހިންގާ އެފްކޯންސްއިން ނިމުނު އަހަރު ތަކުރާރުކޮށް އެތައް ފަހަރަކު ބުނެފައިވެއެވެ. ނަމަވެސް ޖުލައި މަސް ނިމި އޯގަސްޓު މަސްވެސް ނިމިގެންދިޔައީ ބުރިޖުގެ މަސައްކަތް ނުނިމިއެވެ.

ވިލިމާލެއާއި މާލެ ގުޅުވައިލަން ބޭނުންވާ ތަނބުތައް ކަނޑުގައި ޖެހުމުގެ މަސައްކަތް މިހާތަނަށް އެކަށީގެންވާ ގޮތެއްގައި ކުރިއަށްނުދެއެވެ. އަދި އެ ބުރިޖުގެ މަސައްކަތް ނިމޭނެ ވަކި ތާރީޚެއް ފަހުން ސަރުކާރުން ހާމަކޮށްފައިނުވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!