އީރާނުން ޓްރަންޕް މަރާލުމުގެ އާދަޔާ ހިލާފް ޕްލޭނެއް ތަންފީޒުކުރަން ފެށުމުން ޓްރަންޕް ބިރުން ތެޅެން ފަށައިފި ކަމަށް އިސްރާއީލުން ބުނެފި
ދެންމެ | 10 ޖުލައި 2026

އިޒްރޭލުން މި ހަފުތާގައި އެމެރިކާއަށް ދިން ޖާސޫސީ މައުލޫމާތުތަކެއްގައި، ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލުމަށް އީރާނުން މުޅިން އަލަށް ”ވަކި ހާއްސަ“ ރޭވުމެއް ރާވަމުންދާ ކަމުގެ މައުލޫމާތު ހިމެނޭ ކަމަށް އެމެރިކާގެ މީޑިއާތަކުން ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފި އެވެ.

މި ރިޕޯޓްތައް އައިސްފައި މިވަނީ، އެމެރިކާ އާއި އީރާނާ ދެމެދު އަނެއްކާވެސް ހަމަލާތައް ބަދަލުކުރަން ފެށުމުން ބޮޑު ހަނގުރާމައަކަށް ހިނގައިދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ. އަދި ނޭޓޯގެ ސަމިޓަށް ފަހު ތުރުކީން ފުރާވަޑައިގަތުމަށް ޓްރަމްޕް މާ ކުރީގެ ބޯޓެއް ބޭނުންކުރެއްވުމާ ގުޅިގެން އެކަމާ މެދު ވެސް އޮތީ ސުވާލު އުފެދިފަ އެވެ.

ޓްރަމްޕް އަވަހާރަކޮށްލަން އުޅޭކަމުގެ ޖާސޫސީ މައުލޫމާތުތައް އެމެރިކާއިން ދިޔައީ ސިލްސިލާކޮށް ބަލަމުންނެވެ. ނަމަވެސް، ސީއެންއެން އިން މިކަމާ ގުޅުންހުރި ނަން ހާމަނުކުރާ މަސްދަރުތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، އިޒްރޭލުން ދިން މި އިންޒާރަކީ މުޅިން އާ އަދި ވަކި ހާއްސަ ރޭވުމަކާ ގުޅޭ މައުލޫމާތެކެވެ.

”ވޯލް ސްޓްރީޓް ޖާނަލް“ އިން ވެސް، ނަން ހާމަނުކުރާ މަސްދަރުތަކާ ހަވާލާދީ ބުނެފައިވަނީ، އެ ޖާސޫސީ މައުލޫމާތުތަކުން އެނގޭ ގޮތުގައި އެއީ ”މުޅިން އާ“ ރޭވުމެއް ކަމަށެވެ.

ޓްރަމްޕްގެ ފުރަތަމަ ރިޔާސީ ދައުރުގައި، 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު އީރާނުގެ ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަކޮށްލަން އަމުރު ކުރެއްވުމާ ގުޅިގެން، އެކަމުގެ ބަދަލު ހިފާނެ ކަމަށް އީރާނުން ބުނަމުންދާތާ އަހަރުތަކެއް ވެއްޖެއެ ވެ.

މި ރިޕޯޓްތަކާ ގުޅިގެން އޭއެފްޕީން ވައިޓް ހައުސްއާ ގުޅުމުން، އޮފިޝަލަކު ވަނީ ބުދަ ދުވަހު ޓްރަމްޕް ދެއްކެވި ވާހަކައަށް އިޝާރާތް ކުރައްވައިފަ އެވެ.

”އެމީހުން ބޭނުންވަނީ އެމެރިކާގެ ލީޑަރު—އަހަރެން ނައްތާލަން. އަހަރެން އޮތީ ކޮންމެވެސް ލިސްޓެއްގައި. މިއަދު ހެނދުނު އަހަރެން ދުށިން އެ މީހުންގެ ކޮންމެ ލިސްޓެއްގެ ކުރީގައި އަހަރެން އޮތްތަން،“ ނޭޓޯ ސަމިޓް ނިންމަވާލެއްވުމަށް ފަހު އެއާ ފޯސް ވަން ބޯޓުގައި ގައުމަށް އެނބުރި ވަޑައިގަންނަވަމުން ޓްރަމްޕް ނޫސްވެރިންނަށް ވިދާޅުވި އެވެ.

ސަމިޓް ބޭއްވި ތުރުކީން ފުރާވަޑައިގަތުމަށް ޓްރަމްޕް ބޭނުންކުރެއްވީ އޭނާގެ ކުރީގެ އެއާ ފޯސް ވަން ބޯޓެވެ. އަދި ގަތަރުން ހަދިޔާކުރި އާ ޖެޓް އިނގިރޭސިވިލާތަށް ކުރިން ފޮނުވާލުމަށް ފަހު، ވޮޝިންޓަނަށް ވަޑައިގަތުމަށް އޭނާ ވަނީ ބޯޓު ބަދަލުކުރައްވައިފަ އެވެ.

މި އާ ޖެޓްގެ ފުރަތަމަ ރަސްމީ ދަތުރުގައި ބޯޓު ބަދަލުކުރުމުން، އޭގެ ސަލާމަތީ ކަންކަން ފުރިހަމަނުވާތީ އެކަން ކުރީ ކަމަށް ބެލެވޭ ކަމުގެ އަޑުތައް ފެތުރުނެވެ. ހާއްސަކޮށް، ތުރުކީއާ ބޯޑަރު ގުޅިފައިވާ އީރާނަށް އެމެރިކާއިން އާ ހަމަލާތަކެއް ދެމުންދިޔަ ވަގުތާ ވެސް ދިމާވުމާ އެކު ސުވާލުތައް ގިނަވި އެވެ.

”ނިއު ޔޯކް ޓައިމްސް“ އިން ބުދަ ދުވަހުގެ ރޭ ރިޕޯޓްކޮށްފައިވާ ގޮތުގައި، ބޯޓު ބަދަލުކުރީ އެމެރިކާގެ ސީކްރެޓް ސާވިސްގެ އެދުމުގެ މަތިން ”ރައްކާތެރިކަމުގެ ފިޔަވަޅެއް“ ގެ ގޮތުގަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވަނީ ސަލާމަތީ ކަންކަމާ ގުޅޭ ސުވާލުތަކަށް ސީދާ ޖަވާބެއް ނުދެއްވައި، މީގެ ކުރިން އީރާނުން އޭނާ އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނާ ހާދިސާތަކަށް އިޝާރާތް ކުރައްވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!