އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ފައިސަލް ނަސީމް ހުށިޔާރަށް ކުރިކަމަށް ވިދާޅުވެއްޖެ
ދެންމެ | 10 ޖުލައި 2026

އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ކުރީގެ ނައިބުރައީސް، ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އަދަދު ނޫހުގެ ”އެތެރެފުށް“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ ނައިބުރައީސްކަމުގައި ހުންނެވި ދުވަސްވަރު ވެސް ގައުމަށް ގެންނަން ބޭނުންފުޅުވި ބަދަލުތަކަކާއި ގައުމާމެދު ކުރެއްވި އުއްމީދުތަކެއް ހުރި ކަމަށެވެ. އަދި، އެ ކަންކަން ހާސިލުކުރުމަށްޓަކައި އޭރުން ފެށިގެން މަސައްކަތްތަކެއް ވެސް ކުރެވުނު ކަމަށެވެ.

”އަޅުގަނޑު ވެސް ގައުމާ ދޭތެރޭގައި ދެކޭ އުއްމީދުތަކެއް އެބަހުރި، އެހެންވީމާ މި ޝައުގުވެރިކަމަކީ، މިއަދު އަޅުގަނޑު ނެތޭ ބުންޏަސް އެ ގަބޫލުކުރާނެ ބަޔަކު ވެސް ނުތިބޭނެ، އެ ޝައުގުވެރިކަން އެބަ އޮތޭ، އެ އުއްމީދު އެބަ އޮތޭ، އެ މަސައްކަތް އެގޮތަށް އެބަ ކުރެވޭ،“ ފައިސަލް ވިދާޅުވި އެވެ.

އެހެންނަމަވެސް، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އޮވެގެން، ރައްޔިތުންގެ ކައިރީގައި ދައްކާ ވާހަކަތައް އެ މީހުންނަށް ފުއްދައިދެވޭނެ ގޮތަކީ ކޮބައިކަން ބަލަންޖެހޭ ކަމަށާއި އެއީ އޭނާއަށް ވަރަށް މުހިންމު ކަމެއް ކަމަށް ފައިސަލް ވިދާޅުވި އެވެ.

”އެއީ އެކުގައި އަޅުގަނޑުމެންނަށް 2028 ކާމިޔާބު ކުރެވޭނެ ކޮންމެ ގޮތަކީ. 28، އެމްޑީޕީއަށޤ ކާމިޔާބުކުރެވޭނެ ކޮންމެ ގޮތަކީ އެއީ އަޅުގަނޑުމެން އެކަމަކަށް އިޖާބަދޭން ޖެހޭނެ ކަމެއް،“ ފައިސަލް ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު އާއެކު މުޅި އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށްފި ނަމަ، ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

އަދި، ރިޔާސީ އިންތިހާބު ކާމިޔާބުކުރަން އެމްޑީޕީގެ ފަރާތުން ކޮންމެ މީހަކު ނުކުތް ނަމަވެސް، އެ މީހެއްގެ ފަހަތުގައި މުޅި އެމްޑީޕީ އޮވެގެން ނޫނީ 2028 ކާމިޔާބު ކުރުން ދަތިވާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!