ރާއްޖޭގައި އިންޑިއާގެ ސިފައިން ގިނަ އަދަދަކަށް ތިބޭކަމަށް ބުނެ އިދިކޮޅުން ކުރިއަށް ގެންދިޔަ ”އިންޑިއާ އައުޓް“ ހަރަކާތް އަދިވެސް ހިތްޕުޅުގައި އޮންނަކަމަށާއި އެކަމަށް ބަދަލެއް ނާންނަކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޔާމީން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.
ދ. ކުޑަހުވަދުއަށް ވަޑައިގެން މިރޭ ބޭއްވި ޕާޓީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަތުމާއެކު، ރައީސްގެ ގަރާރަކުން ހުއްޓުވާފައިވާ ކަމެއްގައި ބައިވެރިވުމަކީ ހަމަޖެހޭ ކަމެއްގެ ގޮތުގައި ދެކިވަޑައިނުގަންނަވާތީ އެ ކެމްޕެއިނުގެ ހަރަކާތްތަކުން ދުރަށް ޖެހިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް، ހިތްޕުޅުގައި އެކަން އޮތީ އެ ވިސްނުމުގައި ކަމަށާއި އެކަން ބަދަލު ނުކުރެވޭނެ ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ. އަދި ޕީޕީއެމްގެ މެންބަރުންގެ ހިތްތަކުގައި ވެސް އެކަން އޮތީ ބިންވަޅު ނެގިފައި ކަމަށް ވަނީ ވިދާޅުވެފައެވެ.
”އަޅުގަނޑުގެ ގޭގައި ބެނާ ނަގާފައި، އަޅުގަނޑަށް ރަތް ޓީޝާޓު ލައިގެން ތަންތަނަށް ނާދެވެނީ އިންޑިއާ އައުޓް ޖަހައިގެން، އެކަމަކު އަޅުގަނޑުމެންގެ ހިތުގެ ޝުއޫރަކަށް އަޅުގަނޑުމެންގެ ވިސްނުމަކަށް ބަދަލެއް ނާދޭ.“ މިރޭގެ ޖަލްސާގައި ޔާމީން ވިދާޅުވިއެވެ.
ރޭ ގެ ވާހަކަފުޅުގައި ވެސް ރައީސް ޔާމީން ވަނީ އިންޑިއާއާއި ދެކޮޅަށް ވަރަށް ބޮޑަށް ވާހަކަ ދައްކަވާފައެވެ. އެގޮތުން ރާއްޖޭގެ ވެރީންނަށް ވުރެ ރާއްޖޭގެ މައްޗަށް އިންޑިއާ ސަފީރުގެ ބާރު ގަދަ ކަމަށާއި ސަފީރުގެ ދަށުން މަސައްކަތް ކުރައްވަން ތިއްބަވާ ބޭފުޅުން ވެސް ރައީސް ޞާލިޙަށް ވުރެ މާ ބާރު ގަދަ ކަމަށް ވިދާޅުވިއެވެ.
އިންޑިއާ ސިފައިން ރާއްޖޭން ފައިބަން ޖެހޭކަމަށް ވިދާޅުވާ ވިދާޅުވުން ރޭ ވެސް ޔާމީން ވަނީ ތަކުރާރު ކުރައްވާފައެވެ.