ސްރީލަންކާގެ ކަޓުނަޔަކަ އެއާޕޯޓު (ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓު) މެދުވެރިކޮށް އެ ގައުމަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި ދެ ދިވެހިން، އެ ގައުމުގެ ޕޮލިސް ނާކޮޓިކް ބިއުރޯ (ޕީއެންބީ) އިން ހައްޔަރުކޮށްފިއެވެ.
މިދިޔަ ބުދަ ދުވަހު ހިންގި މި ޚާއްސަ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނަކާއި 28 އަހަރުގެ ދިވެހި ފިރިހެނެކެވެ. ސްރީލަންކާގެ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ދެ މީހުންގެ އަތުން ގާތްގަނޑަކަށް 10 މިލިއަން ސްރީލަންކާ ރުޕީސްގެ އަގުހުރި ’އައިސް‘ (މެތަމްފެޓަމިން) ވަނީ އަތުލައިގަނެފައެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ ޖުލައި 22 ވަނަ ދުވަހު ރާއްޖެއިން ސްރީލަންކާއަށް ދިވެއްސަކު މަސްތުވާތަކެތި ހިފައިގެން އަންނަ ކަމަށް ޕީއެންބީގެ ޑެޕިއުޓީ ޑިރެކްޓަރަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެންނެވެ. މި މައުލޫމާތު ލިބުމާއެކު، އެއާޕޯޓުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ޚާއްސަ ޓީމަކުން ވަނީ އެރައިވަލް ޓާމިނަލްގެ ބެގޭޖް ކެރޯސަލް ސަރަހައްދުގައި ފާރަލާފައެވެ.
ފުލުހުން ބުނި ގޮތުގައި، މާލެއިން ފުރައިގެން ދިޔަ 40 އަހަރުގެ ދިވެހި މީހާ ކަޓުނަޔަކަ އެއާޕޯޓަށް ފޭބީ މެންދުރު 12:15 ހާއިރުއެވެ. އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު، ހަށިގަނޑުގެ ސިއްރު ގުނަވަން ހިމެނޭ ސަރަހައްދުގައި ފޮރުވައިގެން ގެންދިޔަ 602 ގްރާމްގެ އައިސް ވަނީ ފެނިފައެވެ. މި ތަކެތި ފޮރުވާފައި ހުރީ ދެ ޕެކެޓަކަށް ބަހާލައި، ސެލޯޓޭޕް އަޅައި، ޖަނގިޔާގެ އެތެރޭގައެވެ. މިއީ އެއާޕޯޓުގެ ސެކިއުރިޓީއަށް އޮޅުވާލުމުގެ ގޮތުން އޭނާ ބޭނުންކުރި އުކުޅެއް ކަމަށް ފުލުހުން ފާހަގަކުރެއެވެ.
އެއާޕޯޓުން ހައްޔަރުކުރި މީހާއާ ސުވާލުކުރުމުން، އޭނާ އެ މަސްތުވާތަކެތި ގެނައީ ސްރީލަންކާގައި ހުރި މައިގަނޑު ޑީލަރަކާ ހަވާލުކުރުމަށް ކަމަށް ވަނީ އެއްބަސްވެފައެވެ. އެ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ހަމަ އެރޭ ކޮލަމްބޯގެ ހޮޓަލަކުން ވަނީ މަސްތުވާތަކެތީގެ ނެޓްވޯކްގެ މައި ޑިސްޓްރިބިއުޓަރު ކަމަށް ތުހުމަތުކުރެވޭ 28 އަހަރުގެ ދިވެހި މީހާ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކުރި ވަގުތު އަތުން 10 ގްރާމަށްވުރެ ގިނަ އައިސް ފެނިފައިވެއެވެ.
ސްރީލަންކާ ފުލުހުން ތުހުމަތުކުރާ ގޮތުގައި މި ދެ މީހުންނަކީވެސް އެ ގައުމުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކަކާ ގުޅުންހުރި ބައެކެވެ.
މި މައްސަލައިގައި ހައްޔަރުކުރި ދެ ދިވެހިން ނިގަމްބޯ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ތަހުގީގު ކުރިއަށް ގެންދިޔުމަށްޓަކައި 14 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ސްރީލަންކާގެ ޕޮލިސް ނާކޮޓިކް ބިއުރޯއިން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



