އިދިކޮޅު އެމްޑީޕީއާ އަޅާބަލާއިރު އަދިވެސް އިހުތިޔާރު ކުރައްވާނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، އަހަރުގެ ކޮންމެ ދުވަހެއްގެ ކޮންމެ ވަގުތެއްގައިވެސް އެމްޑީޕީއަށްވުރެ ބޮޑަށް އެމަނިކުފާނު ހިޔާރުކުރައްވާނީ ރައީސް ޑރ. މުއިއްޒު ކަމަށެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ހިނގާފައިވާ ކަންކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
އެމްޑީޕީއަކީ ޑިމޮކްރަސީގެ އަސާސްތަކަށް ފާޅުގައި އަރައިގަތް ބައެއްގެ ގޮތުގައި ސިފަކުރައްވަމުން ޔާމީން ވިދާޅުވީ، ހަމައެކަނި ނަމެއްގައި ”ޑިމޮކްރެޓިކް“ ވުމަކުން އެއީ ޑިމޮކްރަސީއަށް ނުވާނެ ކަމަށެވެ. އެގޮތުން އެމްޑީޕީގެ ސަރުކާރުން ރާއްޖޭގެ މުއައްސަސާތަކަށް އަތްބާނައި، ފަނޑިޔާރުގެ ބަދަލުކޮށްލަން މަސައްކަތްކޮށް، ޖޭއެސްސީ މެދުވެރިކޮށް ނޭދެވޭ ކަންކަން ހިންގާފައިވާ ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ. އަދި އެމްޑީޕީގެ ތާރީހުގައި ތަންތަން ”ހުޅުދާން ކުރުން“ ފަދަ އަމަލުތައް ހިންގާފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
”އަދިވެސް އެނީޓައިމް އޮފް ދަ ޑޭ, އެނީޓައިމް އޮފް ދަ އިޔާ އަޅުގަނޑު ޗޫޒް ކުރާނީ މުއިއްޒު އިނގޭތޯ އެމްޑީޕީގެ މައްޗަށް. އެމްޑީޕީގެ މައްޗަށް އަޅުގަނޑު ޗޫޒް ކުރާނީ މުއިއްޒު އިނގޭތޯ. އެމްޑީޕީން ރާއްޖޭގެ ހުރިހާ މުއައްސަސާތައް، ކޮބައިތޯ މުޅި ފަނޑިޔާރުގެ ބަދަލުކޮށްލަން ކުރި މަސައްކަތް؟ ޖޭއެސްސީ ހުޅުވައިގެން ރޭގަނޑު ދަންވަރު ކުރި ކަންތައް ކޮބައިތޯ؟“ ޔާމީން ވިދާޅުވިއެވެ.
ރާއްޖޭގެ ދީނީ އަދި ސިޔާސީ އޮނިގަނޑާ ބެހޭގޮތުން ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ރާއްޖެއަކީ އިސްލާމީ ދައުލަތަކަށް ވާއިރު، މި ގައުމުގައި އޮންނަންވާނީ ރާއްޖެއާ ގުޅޭފަދަ ޑިމޮކްރަސީއެއް ކަމަށެވެ. ނަމަވެސް، ޑިމޮކްރަސީއަކީ އަބަދުވެސް ބަދަލުވަމުންދާ އެއްޗަކަށް ވާންޖެހޭނެ ކަމަށްވެސް އެމަނިކުފާނު ގަބޫލުފުޅު ކުރައްވައެވެ.
މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ތައުލީމީ ބަޔަކަށް ވާން ނުޖެހޭ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވި ވިދާޅުވުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ރައްދު ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ކޮރަޕްޝަން ފަދަ ނޭދެވޭ ކަންކަން ހުއްޓުވުމަށް އެންމެ މުހިންމީ އިލްމު ކަމަށެވެ. އިލްމީ ބަޔަކު ތިބޭނަމަ ކޮރަޕްޝަންގެ އަމަލުތައް ހިންގުމަށް ޖެހިލުންވާނެ ކަމަށްވެސް ވިދާޅުވިއެވެ.



