ކެނދިކުޅުދޫ މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފި
ދެންމެ | 14 އޭޕްރިލް 2024

ނ. ކެނދިކުޅުދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރުގެ އިތުރުން ކެނދިކުޅުދޫ ކައުންސިލްގެ ރައީސް މުހައްމަދު ރައޫފްއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ކެނދިކުޅުދޫ މަގު ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ އެކެއް ޖޫން 2023ގަ އެވެ. މިއީ 90،894،554 (ނުވަދިހަ މިލިއަން އަށްލައްކަ ނުވަދިހަ ހަތަރުހާސް ފައްސަތޭކަ ފަންސާސް ހަތަރެއް) ރުފިޔާ އަށް 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.

މަޝްރޫއުގެ ދަށުން ކެނދިކުޅުދޫގެ 3.7 ކިލޯމީޓަރުގެ މަގުގައި ތާރު އަޅައި، މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކޮށް މަގުތަކުގައި މަގު ބައްތި ޖެހުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމަށް މައުލޫމާތުދެއެވެ.

މި ސަރުކާރު ވެރިކަމާއި ހަވާލުވީއިރު، މިދިޔަ ސަރުކާރުން ކުރަން ފަށާފައިވާ މަގުހެދުމުގެ އެތައް މަޝްރޫއުއެއް ވަނީ ހުއްޓިފައެވެ. އެ މަޝްރޫއުތައް ހުއްޓިފައިވަނީ އެޑްވާންސް ފައިސާ ހިފައިގެން ކުންފުނިތައް ފިލުމުންނާއި، ބައެއް މަޝްރޫއުތަކަށް އެކަށީގެންވާ ފައިސާ ހަމަޖެހިފައި ނެތުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވެއެވެ.

އަދި މި ސަރުކާރުން މީގެ ކުރިން ހުއްޓިފައިހުރި މަޝްރޫއުތައް އަލުން ފަށައި، މަޝްރޫއުތައް ނިންމުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ކޮންޓްރަކްޝަން މިނިސްޓްރީން ބުނީ، މަގުހެދުމުގެ 17 މަޝްރޫއުއެއް ހުއްޓިފައިވަނިކޮށް އަލުން ފަށައި، މިހާރު އެ ހުރިހާ ރަށެއްގައި ވެސް މަސައްކަތް ކުރިއަށްގެންދާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!