އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މުގުލުގައި ހުންނެވީ ކުރީގެ ރައީސް އަބްދުއްﷲ ޔާމީން އަބްދުލްގައްޔޫމް ނޫން ކަމަށް ގަބޫލުކުރުމަކީ ދިވެހި ތާރީހަށް ވެވޭ ބޮޑު ހިޔާނާތެއް ކަމަށް ގާނޫނީ ވަކީލު މުހައްމަދު ހަލީމް ވިދާޅުވެއްޖެއެވެ.
ފޭސްބުކް މެދުވެރިކުރައްވައި ކުރެއްވި ޕޯސްޓެއްގައި ގާނޫނީ ވަކީލު މުހައްމަދު ހަލީމް ވިދާޅުވީ ރައީސް ޑޮކްޓަރު މުހައްމަދު މުއިއްޒަށް ނުބަވާ ވަރަށް ބެވުމަށްފަހު، އެމަނިކުފާނަށް ހައްގުވާ ތައުރީފުގެ ބަހެއް އެއްލައިގެން އަމިއްލައަށް ކަރަށް މެހެމުންދާ މަޅިން ސަލާމަތްވެވޭނެ ކަމަށް ކުރީގެ ރައީސް ޔާމީން އުއްމީދު ކުރެއްވުމަކީ ކުށްހީއެއް ކަމަށެވެ. އަދި ގާނޫނުގެ ކުރިމަތިން އެމަނިކުފާނަށް ރެކެވިވަޑައިނުގަނެވޭނެ ކަމަށާއި ގާނޫނު އަރައި ހަމަކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަންނަން އޮތް އިންތިހާބުތަކަށް އިޝާރާތް ކުރައްވަމުން ހަލީމް ވިދާޅުވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ނަން ވޯޓު ކަރުދާހުގައި އޮތް ކަމުގައި ވިޔަސް، ކުރީގެ ރައީސް ޔާމީނުގެ ނަމެއް ކުރިއަށް އޮތް ތަނުގައިވެސް ވޯޓު ކަރުދާހުން ފެންނަން ނޯންނާނެ ކަމަށެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ މައްސަލަ އޮތީ ކްރިމިނަލް ކޯޓުގައެވެ.



