އެމްޑީޕީން ޑޮލަރާ ގުޅޭގޮތުން ދޮގު ފަތުރަނީ މުޒާހަރާއަށް މީހުން ނެރެން: ސައީދު
ދެންމެ | 13 އޯގަސްޓް 2026

ޑޮލަރާ ގުޅޭގޮތުން އެމްޑީޕީން ދޮގު ވާހަކަ ފަތުރަނީ މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާއަށް މީހުން ނެރުމަށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ތަކެތީގެ އަގު އުފުލެމުންދާތީ ”ދަތިވެއްޖެ“ ނަމުގައި އެމްޑީޕީން މާދަމާ ރޭ މާލޭގައި މުޒާހަރާ ކުރަން ވަނީ ނިންމައިފަ އެވެ.

ސޯޝަލް މީޑިއާގައި އާންމު ކުރެއްވި ވީޑިއޯއްގައި ސައީދު ވިދާޅުވީ، ޑޮލަރު ތާށިކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ވާހަކަދެއްކުމުން ޑޮލަރުގެ ކަޅު ބާޒާރަށް ހިތްވަރު ލިބޭ ކަމަށާއި އިގުތިޞާދަށް ވެސް ނުރައްކާވާ ކަމަށެވެ.

”މި ކުރާ މަގުސަދު ވެސް އިނގޭ. މުޒާހަރާއަށް މީހުން ޖަމާކުރުމުގެ ބޭނުމުގައި މި ކަން ކުރަނީ. އެހެންނަމަވެސް ރައްޔިތުންނަށް މި ކަންކަމުގެ ހަގީގަތް އެނގޭ. ކަންކަން ވަމުންދާ ގޮތް ކިޔައިދެވޭތޯ މަސައްކަތް ކުރުމަކީ އަޅުގަނޑުމެންގެ ވެސް ޒިންމާއެއް“ ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި 2021ގައި ބޭންކްގެ ކާޑުތަކުން ޑޮލަރު ބޭނުންކޮށްފައިވާ މިންވަރަކީ މަހަކު 10 މިލިއަން އެމެރިކާގެ ޑޮލަރު ކަމަށާއި، މިހާރު މަހަކަށް އެ އަދަދު ގާތްގަނޑަކަށް 39 މިލިއަން ޑޮލަރަށް އަރާ ކަމަށެވެ. އަދި އިމްޕޯޓް ކުރާ ފަރާތްތަކަށް ޓީޓީ ހަދައިދިނުމަށް ބީއެމްއެލް މެދުވެރިކޮށް، 2021ގައި މަހަކަށް އެވްރޭޖްކޮށް ދީފައި ވަނީ 6.7 މިލިއަން ޑޮލަރު ކަމަށާއި، މިހާރު ގާތްގަނޑަކަށް ޓީޓީގެ ގޮތުގައި މަހަކު 27 މިލިއަން ޑޮލަރު ދޭ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ދަރިވަރުންގެ ކިޔެވުމަށް 2021ގައި މަހަކު 1.9 މިލިއަން ޑޮލަރު ދޫކޮށްފައިވާއިރު، މިހާރު އެ އަދަދު ދެ ގުނަ ބޮޑުވެ، ކިޔަވާ ކުދިންނަށް ގާތްގަނޑަކަށް ހަތަރު މިލިއަން ޑޮލަރު ދޫކުރަމުންދާ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

”އެމްޑީޕީ ސަރުކާރުގައި އެއިރު އޮތް ހާލަތެއް ނޫން މިހާރު މި އޮތީ. މިހާރު ޑޮލަރު ދޫކުރާ ގޮތް، ވިޔަފާރިވެރިންނަށް، ކިޔަވަމުންދާ ދަރިވަރުންނަށް، މެޑިކަލްއަށް، ބޭރަށް ވަޑައިގަންނަވާ ބޭފުޅުންނަށް ޑޮލަރު ބޭންކް ރޭޓްގައި މި ދެނީ، އެމްއެމްއޭއިންވެސް ބީއެމްއެލްއިންވެެސް ދުވަހަކުވެސް މީގެ ކުރިން ޑޮލަރު ދޫކުރާ އަދަދަށް މިހާރު މި ދޫކުރަނީ،“ ސައީދު ވިދާޅުވި އެވެ.

ސައީދު ވަނީ ކަޅުބާޒާރުގައި މިކަން ކުރަނީ، ބޭންކިން ސިސްޓަމުގެ ތެރެއަށް ޑޮލަރު ނުވައްދާ، ކަޅު ބާޒާރުގައި ޑޮލަރު ލިބޭ ފަރާތްތަކުން ވިއްކާތީ ކަމަށާއި އެ ކަމަށް ހިތްވަރު ދެނީ ޚަބަރުތަކުގެ ސުރުޚީތަކާއި ރާއްޖޭގައި ވެރިކަން ކުރައްވާފައި ތިބި ބޭފުޅުން ކަމަށްވެސް ވިދާޅުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!