ތަކެތީގެ އަގު ދަނީ ބޮޑުވަމުން ކަމަށާއި މިއީ ޓިކްޓޮކް ކުޅެންޖެހޭ ވަރުގެ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ތަކެތީގެ އަގު ދަނީ ބޮޑުވަމުން ކަަމަށާއި އެއީ ”ސްޕެކިއުލޭޝަނެއް ނޫން“ ކަމަށެވެ. އަދި މިއީ ސިޔާސީ ކަންކަން މިކަމުގެ ތެރެއަށް ވައްދައިގެން ސަރުކާރުން ޓިކްޓޮކް ހަދަންވީ ކަންކަމެއް ވެސް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.
”ޓިކްޓޮކް ކުޅޭ ވަރަށް މޮޅެތި ބޭފުޅުން ތިއްބަވާ އެނގޭތޯ. ދެން އެއީ ހަމަ ރަނގަޅު ކަމެއް، އިންފްލުއެންސާއަކަށް ވުމަކީ. ނަމަވެސް އަޅުގަނޑު އަދާކުރާ ވަޒީފާއަކީ އެމްޑީޕީގެ ޗެއާޕާސަންކަން. މިއީ ޓިކްޓޮކް ކުޅުމެއް ނޫން. މިއީ ދިވެހިންނަށް ކޮންމެ ދުވަހަކު ވަމުންދާ ގޮތް، އެ މީހުންގެ ދަތިތައް،“ ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖެއިން ޑޮލަރު މަދުވަމުންދަނީ ދައުލަތުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުންނެވެ. މިފަދަ ދަނޑިވަޅެއްގައި ހަރަދު ކުޑަކުރުމުގެ ބަދަލުގައި ބޭކާރު ކަންކަން ކުރަމުންދާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ދަރަނި އަނބުރާ ދެއްކުމުގެ މަސައްކަތްތައް ނުކުރެވުމާއި އިގްތިސޯދަށް ބޭނުންވާވަރަށް ބޭރު ފައިސާ ނުވަންނަތާ ޑޮލަރުގެ އަގު މައްޗަށްދާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
”ތަކެތީގެ އަގު މި ރޭޓުން އުފުލިގެން ގޮސް، ދިވެހި ރާއްޖޭގައި ހައިޕާ އިންފްލޭޝަން، އެއީ ކޮންމެ ހަފުތާ އަކުން ފަންސާސް ޕަސެންޓަށް ތަކެތީގެ އަގު އުފުލުނީމާ، އާންމުކޮށް މާހިރުން އެ ހާލަތުގައި ބުނަނީ އެ އޮތީ ހައިޕާ އިންފްލޭޝަން އުފެދިފައޭ“ ނަޝީދު ވިދާޅުވި އެވެ.
މީގެ އިތުރުން ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 20 އިންސައްތަ ބޭންކުތަކަށް މާރުކުރުމަށް މަޖުބޫރު ކުރަން ނިންމަން އުޅޭ ނިންމުމަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ، އަމިއްލަ ވިޔަފާރިއަށް ސަރުކާރުން ވަދެ އެކަންކަމާ ބެހި، އިތުރު ޤާނޫނުތައް ގެންނަކަމަށް ވާނަމަ ވިޔަފާރިވެރިން ފަހަތަށް ޖެހޭނެ ކަމަށެވެ. އަދި އޭގެ ސަބަބުން ރާއްޖެއަށް އަންނަ އިންވެސްޓްމަންޓްތައް މަޑު ޖެހޭނެ ކަމަށާއި، ރާއްޖޭގައި މިހާރު އިންވެސްޓްކޮށްގެން ތިބި ފަރާތްތަކުގެ ކަންބޮޑުވުން އިތުރު ވާނެ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.



