ރާއްޖޭގައި ޑޮލަރުގެ އަގު މައްޗަށް ގޮސް، ތަކެތީގެ އަގު އުފުލެނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ކަމަށް ބުނެ ސަރުކާރަށް އެއްވެސް އުޒުރެއް ނުދެއްކޭނެ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.
”ސަންގު“ އާއި ”އަދަދު“ ނޫސް ގުޅިގެން ކުރިއަށްގެންދިޔަ ”ޑޮލަރު ސައްލާ“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަމްރު ވިދާޅުވީ، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ކޮވިޑް-19 ގެ އާލަމީ ވަބާގެ ދުވަސްވަރާއި 2022 ވަނަ އަހަރު ފެށުނު ޔުކްރޭން ހަނގުރާމައިގެ ތެރޭގައިވެސް، ކަންކަން ދުރާލާ ރާވައިގެން މާލީ އަދި އިޤްތިޞާދީ ހާލަތު ހިކުމަތްތެރިކަމާއެކު މެނޭޖްކުރެވުނު ކަމަށެވެ.
އެގޮތުން ކޮވިޑްގެ ދުވަސްވަރު ދެ މަހެއްހާ ދުވަހަށް ފަތުރުވެރިން އައުން މުޅިން ހުއްޓި، ރާއްޖެއަށް ޑޮލަރު ވަނުން ހުއްޓުމަކަށް އައިސް ރައްޔިތުން ބަނޑަށް ޖެހިދާނެކަމުގެ ބޮޑު ބިރުވެރިކަމެއް އޮތް ނަމަވެސް، ސަރުކާރުން ވަނީ ދުރާލާ އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ތައްޔާރުވެފައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެ ދުވަސްވަރު އެސްޓީއޯއިން ތެލަށް ފައިސާ ދައްކަން އޮންނަ ކްރެޑިޓް މުއްދަތު 3 މަހުން 6 މަހަށް ދަންމާލައި، ފައިނޭންސިން ފެސިލިޓީތައް އިތުރުކުރި ކަމަށާއި، އަދި ފަހުން ޔުކްރޭން ހަނގުރާމައާ ގުޅިގެން އެ ފެސިލިޓީތައް 9 މަސްދުވަހަށް އިތުރުކޮށްގެން ހާލަތު ކޮންޓްރޯލް ކުރިކަމަށް އަމްރު ވިދާޅުވިއެވެ.
އަމްރު އިތުރަށް ވިދާޅުވީ ޔުކްރޭން ހަނގުރާމައިގެ ދުވަސްވަރު ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 150 ޑޮލަރަށް އަރައިގެން ދިޔައިރުވެސް ހާލަތު މެނޭޖްކުރެވުނުއިރު، މިހާރު މެދުއިރުމަތީގެ ހަނގުރާމައިގެ ތެރޭގައި ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް އެރުމަށްފަހު 80 ޑޮލަރަށް ތިރިވެފައިވާތީ މިއީ މާބޮޑު ކަންބޮޑުވުމެއް އޮތް ކަމެއް ނޫން ކަމަށެވެ.
ހަނގުރާމައިގެ ސަބަބުން ތެލުގެ އަގަށް ބަދަލުތަކެއް އައިކަމުގައި ވިޔަސް އެ އަގު މާގިނަ ދުވަހަކު އެއްވަރެއްގައި ނުހުންނަކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައާ ހުރެ ޑޮލަރު ނުލިބޭ ކަމަށް ބުނެ ސަރުކާރުން ދައްކާ ވާހަކަތަކަކީ ދެކޮޅުޖެހޭ ވާހަކަތަކެއް ނޫން ކަމަށާއި، ޑޮލަރުގެ އަގު މައްޗަށް ދާތީ ސަރުކާރަށް ދެއްކޭނެ އެއްވެސް އުޒުރެއް ނެތް ކަމަށެވެ.



