ހުވަދޫ ކަނޑަށް އަޑިއަށްދިޔަ ”ފްރެންޑް-4“ ނަމަކަށް ކިޔާ ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް އެމެރިކާ ސިފައިންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފިއެވެ.
އެމެރިކާގެ ކަނޑުގެ ސިފައިންގެ ބޯއިންގް ޕީ-8 އޭ ޕޮސައިޑަން މެރިޓައިމް ޕެޓްރޯލް އެއާކްރާފްޓެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ވަރަށް ތިރިން މިއަދު އުދުހެމުންދާކަން ފާހަގަކުރެވިފައިވެއެވެ. މައުލޫމާތު ލިބޭގޮތުގައި ފްލައިޓް އުދުހެމުންދަނީ ”ފްރެންޑް 4“ ސަޕްލައި ދޯނި ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ސަރަހައްދުގައެވެ. ނަމަވެސް މި އޮޕަރޭޝަންގައި އެމެރިކާ ސިފައިން ބައިވެރިވުމާއި ގުޅޭ ގޮތުން އަދި ދިވެހި ސަރުކާރުގެ އެއްވެސް އިދާރާއަކުން މައުލޫމާތު ހާމައެއް ނުކުރެއެވެ.
އޭވިއޭޓާސް މޯލްޑިވްސް އިން ހިއްސާކޮށްފައިވާ ފްލައިޓް މޮނިޓަރިން މައުލޫމާތަށް ބަލާއިރު، މި ފްލައިޓް ރާއްޖޭގެ މަތިން އުދުހެމުންދަނީ ގާތްގަނޑަކަށް 1،500 ފޫޓުގެ އުސްމިނެއްގައެވެ. ފްލައިޓް ޓްރެކިންގް ފޮޓޯތަކުން ފެންނަ ގޮތުގައި، މި ފްލައިޓް ދަނީ ކަނޑުގެ ވަކި ސަރަހައްދެއްގައި ތަކުރާރުކޮށް ބުރުޖަހަމުންނެވެ.
މި ފްލައިޓް ރާއްޖެ އައިސްފައި ވަނީ ޑިއޭގޯ ގާސިއާއިންނެވެ.
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ ދޯނީގެ ކެޕްޓަން މުޙައްމަދު ހަމްދޫން އާއި، ފުލުހުންގެ ސާޖަންޓް ޢަލީ ނާފިޢު އަދި އެމް.އެން.ޑީ.އެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދެވެ.
ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން ދަނީ ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑާއި ވައިގެ މަގުން ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުންނެވެ. މި އޮޕަރޭޝަންގައި ކަނޑުގެ އެތައް ހާސް އަކަ މޭލެއްގެ ސަރަހައްދެއް ބަލާފައިވާއިރު، ދޯނި ނުވަތަ ގެއްލުނު އެއްވެސް މީހަކު އަދި ފެނިފައެއް ނުވެއެވެ.
ސާޗް އޮޕަރޭޝަންގައި ބައިވެރިވާ އެމެރިކާ ސިފައިންގެ ޕީ-8 އޭ ޕޮސައިޑަން އަކީ ދުނިޔޭގައި މިވަގުތު އޮތް އެންމެ ގާބިލު ދުރު ރާސްތާގެ މެރިޓައިމް ޕެޓްރޯލް އެއާކްރާފްޓްތަކުގެ ތެރޭގައި ހިމެނޭ ފްލައިޓެކެވެ. އެމެރިކާގެ ކަނޑުގެ ސިފައިން ބޭނުންކުރާ މި ފްލައިޓަކީ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާއި، ޖާސޫސީ މައުލޫމާތު އެއްކުރުމާއި، ސަބްމެރިންތަކާ ދެކޮޅަށް ހަރަކާތްތެރިވުމާއި، އަދި ސަލާމަތީ ހޯދުންތަކުގެ މަސައްކަތަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ފްލައިޓެކެވެ.
މި ފްލައިޓްގެ ގާބިލުކަމުގެ ސަބަބުން، ކަނޑުގެ ބޮޑެތި ސަރަހައްދުތައް ބެލުމަށް މިއީ ވަރަށް އެކަށީގެންވާ ފްލައިޓެކެވެ. މި ފްލައިޓްގައި އެންމެ ޒަމާނީ ރާޑަރު ސިސްޓަމްތަކާއި، ކަނޑުގެ ސަރަހައްދުގައި ހުންނަ އެއްޗެހި ދެނެގަނެވޭނެ ސެންސަރުތަކާއި، އިންފްރާރެޑް ކެމެރާ ސިސްޓަމްތައް ހަރުކޮށްފައިވެއެވެ.
ބޯއިންގް ކުންފުނިން ބުނާ ގޮތުގައި، ސަލާމަތީ ހޯދުންތަކުގައި ޕީ-8 ފްލައިޓް ބޭނުންކޮށްގެން ވަރަށް މަތިނާއި އަދި ވަރަށް ތިރިން ވެސް ކަނޑުގެ ބޮޑެތި ސަރަހައްދުތައް ބެލޭނެއެވެ. މީގެ އިތުރުން، ކަނޑުމަތީގައި ހާލުގައި ޖެހިފައި ތިބޭ މީހުންނަށް ބޭނުންވާ ސަލާމަތީ އާލާތްތައް ފޯރުކޮށްދިނުމުގެ ގާބިލުކަންވެސް މި ފްލައިޓަށް ލިބިގެންވެއެވެ.
ދުރު ރާސްތާއަށް ދަތުރުކުރުމުގެ ގާބިލުކަމަކީ މިފަދަ ހޯދުންތަކުގައި މި ބޯޓަށް ލިބޭ ބޮޑު ކުރިއެރުމެކެވެ. ޕީ-8 ބޯޓަށް 1،200 ނޯޓިކަލް މޭލަށްވުރެ ދުރަށް ދަތުރުކުރެވޭއިރު، ވަކި ސަރަހައްދެއްގައި ހަތަރު ގަޑިއިރަށްވުރެ ގިނަ އިރު ހަރަކާތްތެރިވެވިދާނެއެވެ. އަދި އުދުހެމުންދާއިރު ތެޔޮ އެޅުމުގެ ގާބިލުކަން ހުރުމުން، ގިނަ ވަގުތު ކަނޑުގެ ސަރަހައްދުގައި މަޑުކުރުމުގެ ފުރުސަތު ލިބެއެވެ.
ފްލައިޓް ޓްރެކިންގް އިން ފެންނަ ގޮތުގައި މި ފްލައިޓް އުދުހެމުންދަނީ އާންމުކޮށް އުދުހޭ އުސްމިނަށްވުރެ މާ ތިރިންނެވެ. މިއީ އާންމުކޮށް ކަނޑުމަތިން މީހުން ނުވަތަ ތަކެތި ހޯދުމަށް ސިސްޓަމެޓިކްކޮށް ފްލައިޓްތައް އުދުހޭ ގޮތެވެ. ތިރިން އުދުހުމުން، ކަނޑުގެ ސަތަހަ ވަރަށް ގާތުން ބަލައިލުމުގެ ފުރުސަތު ކުރޫއަށް ލިބެއެވެ. އަދި ފްލައިޓްގައި ހުންނަ ސެންސަރުތަކުގެ އެހީގައި ކަނޑުމަތީގައިވާ ތަކެތި ނުވަތަ މީހުން ދެނެގަތުމަށް ފަސޭހަވެގެންދެއެވެ.
އެހެންކަމުން، ރާއްޖޭގެ ސަރަހައްދުގައި ޕީ-8 އޭ ފްލައިޓެއް ހަރަކާތްތެރިވުމަކީ ކުރިއަށްދާ އޮޕަރޭޝަނަށް ލިބޭނެ ވަރަށް ބޮޑު އެހީތެރިކަމެކެވެ.



