ކުންފުނިތަކުން މީހުން މަދުކުރަނީ ސިޔާސީ ފިކުރަށް ބަލައިގެން ނޫން: ފިނޭންސް މިނިސްޓަރ
ދެންމެ | 18 އޯގަސްޓް 2026

ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީ) ރައިޓް ސައިޒް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު އެއްވެސް މުވައްޒަފެއްގެ ސިޔާސީ ފިކުރަށް ނުވަތަ ކުލައަކަށް ބެލުމެއް ނެތި އެ މަސައްކަތް އިންސާފުވެރިކަމާއެކު ކުރިއަށް ގެންދަވާނެ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް މިދިޔަ އޭޕްރިލް މަހު ޕީސީބީން ވަނީ އަންގާފައެވެ. އަދި އެ މަސައްކަތް ތިން މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވެސް ކުންފުނިތަކަށް އަންގާފައިވާއިރު މުވައްޒަފުން ވަކިކުރާއިރު އިދިކޮޅު އެމްޑީޕީގެ މުވައްޒަފުން ވަކިކުރަމުންދާ ކަމަށް އެޕާޓީން އަންނަނީ ބުނަމުންނެވެ.

އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، މުވައްޒަފަކު ނިސްބަތްވާ ސިޔާސީ ޕާޓީއަކަށް ނުވަތަ ފާޅުކުރާ ޚިޔާލަކަށް ބަލައިގެން ވަޒީފާއިން ވަކިކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ.

ސަރުކާރު ހިއްސާވަ ކުންފުނިތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފަކު އޭނާ ނިސްބަތްވާ ސިޔާސީ ޕާޓީއަށް، ނުވަތަ ގެންގުޅޭ ސިޔާސީ ފިކުރަށް، ނުވަތަ ފާޅުކުރާ ޚިޔާލަކާ ގުޅިގެން ވަޒީފާއިން ވަކިކުރުމަކީ މި ސަރުކާރުން ގަބޫލުކުރާ އުސޫލެއް ނޫން. އަދި މިގޮތަށް ޢަމަލު ކުރުމަށް ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏަކަށް އެއްވެސް އެންގުމެއް މިނިސްޓްރީން އަންގާފައި ނުވާނެ.

އެހެންނަމަވެސް، ސަރުކާރުގެ ހިއްސާވާ ކުންފުނި ތަކުގެ ސަރުކާރުގެ ހިއްސާދާރެއްގެ ހައިސިއްޔަތުން ކުންފުނިތައް މާލީ އަދި ހިންގުމުގެ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ހިންގުން ކަށަވަރުކުރުމަކީ ވުޒާރާގެ ޒިންމާއެއް ކަމަށާ، އެ މަސައްކަތްކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ) މެދުވެރިކޮށް ދެމުންދަނީ ކުންފުނިތައް ހަރުދަނާކުރުމުގެ އިރުޝާދުތައް ކަމަށާއި، ކުންފުނިތައް ރައިޓް ސައިޒްކުރުމަށް މަސައްކަތް ކުރަމުންދިޔަ ނަމަވެސް، ކުންފުނިތައް ހިންގުމުގެ ތެރެއަށް ވުޒާރާއިން ނުވަންނަ ކަމަށް ވިދާޅުވިއެވެ.

”ރައިޓްސައިޒް ކުރާއިރު ގިނަ މުވައްޒަފުން ވައްދާފައި ހުރި ދުވަސްވަރުގެ މުވައްޒަފުން ގިނައިން ރިޑަންޑަންޓްވާނީވެސް. އެހެންވީމަ އެއްވެސް ގޮތަކަށް ވަކި ގޮތަކަށް ބަލައިގެނެއް ނޫން އެކަން ގެންދާނީކީ. ރިޑަންޑަންސީގެ ތެރެއިން އެމީހަކު ކުރާ މަސައްކަތަކާއި އެމީހަކު ކުރަންޖެހޭ މަސައްކަތާ އަޅާބަލާފައި. އަދި ރިޑަންޑަންޓް ކުރާއިރުވެސް އަޅުގަނޑުމެން ކޮންމެހެން އެބޭފުޅަކު ދޫކޮށްލާނީއެއް ނޫނޭ. އެބޭފުޅަކަށް ފުރުސަތު ދޭނަމޭ ކާއެއްޗެއް ދިނުމުގެ ބަދަލުގައި ކެވޭނެ ގޮތްތައް މަސައްކަތް ކުރާނެ ފުރުސަތު ފަހިކޮށްދޭނަމޭ،“

މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު

 

ޕީސީބީގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، 2018 ވަނަ އަހަރު ނިމުނުއިރު ސަރުކާރު ކުންފުނިތަކުގައި ތިބީ 18،676 މުވައްޒަފުން ކަމަށެވެ. ނަމަވެސް ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި 18،053 މުވައްޒަފުން އިތުރުވެ، 2023 ވަނަ އަހަރު ނިމުނުއިރު މުވައްޒަފުންގެ އަދަދު 36،729 އަށް އަރާފައިވާ ކަމަށް ވިދާޅުވިއެވެ.

”މިދިޔަ މަހުގެ ނިޔަލަށް މުވައްޒަފުން ތިބި އަދަދަކީ 41،667، އެހެންވީމާ 2024ވަނަ އަހަރުން ފެށިގެން މިހާތަނަށް ވެއްދިފައިވާ މުވައްޒަފުންގެ އަދަދަކީ 4،938 މުވައްޒަފުން، މިއީ 13 ޕަސެންޓުގެ އިންކްރިމެންޓެއް،“ ޒަރީރު ވިދާޅުވިއެވެ.

ވަޒީރު ޒަރީރު އިތުރަށް ވިދާޅުވީ، ކުރިއަރާފައިވާ ޤައުމުތަކާ އަޅައިބަލާއިރު ރާއްޖޭގެ ޕަބްލިކް ސެކްޓަރުގައި މަސައްކަތްކުރާ ނިސްބަތް އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ކަމަށެވެ. އެހެންކަމުން ދައުލަތުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ޤައުމުގެ އިޤްތިޞާދު އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ކުންފުނިތައް ރައިޓްސައިޒް ކުރުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!