ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމުގެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި
ދެންމެ | 18 އޯގަސްޓް 2026

ދިވެހިރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތައް އެކިއެކި ބޭނުންތަކަށް ކުއްޔަށް ދޫކުރުމާއި ވަރުވާއަށް ލިޔެދިނުމުގެ އުސޫލުތައް ކަނޑައެޅުމަށް ސަރުކާރުން ހުށަހެޅި މުހިންމު ބިލު، ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލިސް ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ މަޖިލީހަށް ހުށަހެޅުއްވި މި ބިލު، އިޤްތިސާދީ ކޮމިޓީ އިން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބިލާ ދެކޮޅަށް ވޯޓު ދެއްވީ 9 މެންބަރުންނެވެ.

ޖުމްލަ 8 ބާބާއި 75 މާއްދާގެ މައްޗަށް އެކުލެވޭ މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ފަޅުރަށްރަށް ކުއްޔަށް ދޫކުރެވޭނީ ފަތުރުވެރިކަމާއި، ސިނާއީ މަސައްކަތްތަކާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން އިގުތިސާދީ، އިޖުތިމާއީ އަދި ދައުލަތުގެ އެކިއެކި ބޭނުންތަކަށެވެ. މީގެއިތުރުން ވަރުވާއަށް ރަށްރަށް ލިޔެދެވޭނެ ހާލަތްތަކާއި އުސޫލުތައް ވެސް މި ބިލުގައި ވަރަށް ސާފުކޮށް ވަނީ ހިމަނާފައެވެ.

މި ބިލުގައިވާ ގޮތުން ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދޫކުރާނެ އަގުތައް ވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން:

– ސިނާއީ އަދި އިގުތިސާދީ ބޭނުންތަކަށް ދޫކުރާ ރަށްރަށުގެ ކުއްޔަކީ އަކަމީޓަރަކަށް އަހަރަކު 3 ރުފިޔާއެވެ.

– މަސްވެރިކަމާއި ދަނޑުވެރިކަމަށް ދޫކުރާ ރަށްރަށަށް އަކަމީޓަރަކަށް 2.50 ރުފިޔާއެވެ.

– އިޖުތިމާއީ ބޭނުންތަކަށް ދޫކުރާ ރަށްރަށަށް އަކަމީޓަރަކަށް 2 ރުފިޔާއެވެ.

ފަޅުތައް ކުއްޔަށް ދޫކުރުމާ ގުޅޭގޮތުން ބިލުގައި ބުނެފައިވަނީ، ފަޅު ދޫކުރެވޭނީ ބޮޑެތި އަދި މެދުފަންތީގެ ސިނާއީ މަސައްކަތްތަކަށާއި، ފުޅާ ދާއިރާއެއްގައި ކުރާ އިގުތިސާދީ މަސައްކަތްތަކުގެ އިތުރުން އެކުއަކަލްޗާގެ ހަރަކާތްތަކަށެވެ. މިފަދަ ބޭނުންތަކަށް ދޫކުރާ ފަޅުތަކުގެ އަގަކީ އަކަމީޓަރަކަށް 3 ރުފިޔާއެވެ. އަދި މަސްވެރިކަމުގެ ބޭނުމަށް ދޫކުރާ ފަޅުތަކުގެ ކުއްޔަކީ އަކަމީޓަރަކަށް 50 ލާރިއެވެ.

ރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް އެކަށައެޅުމުގެ އެންމެ އިސް ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށް މި ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި ފަޅުރަށްރަށާއި ފަޅުތައް 21 އަހަރުގެ މުއްދަތަކަށް ކުއްޔަށް ދޫކުރުމުގެ ބާރު ދީފައިވާއިރު، އެ މުއްދަތު 50 އަހަރާ ހަމައަށް އިތުރުކުރުމުގެ އިހުތިޔާރު ކަމާބެހޭ ވުޒާރާތަކަށާއި ކައުންސިލްތަކަށް ލިބިދީފައިވެއެވެ.

ގާނޫނާއި ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ގޮތުން ބޮޑެތި ޖޫރިމަނާތަކެއް ވެސް މި ބިލުގައި ވަނީ ކަނޑައަޅާފައެވެ. އެގޮތުން، ކުއްޔަށް ދޫކޮށްފައިވާ ފަޅެއް ނުވަތަ ފަޅުރަށަކާ ގުޅިގެން ގަވާއިދާ ޚިލާފުވެއްޖެނަމަ 1 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ. އަދި ވަރުވާއަށް ލިޔެދީފައިވާ ރަށްރަށާއި އެނޫން ވެސް ފަޅުރަށްރަށާ ގުޅިގެން ކުރާ ކުށްތަކަށް 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރުމުގެ ބާރު ކަމާބެހޭ މިނިސްޓްރީތަކަށާއި ކައުންސިލްތަކަށް ލިބިގެންވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!