ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓްއަކަށް ޖަމާކުރުން ލާޒިމުކޮށްފި
ދެންމެ | 25 އޯގަސްޓް 2026

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.

ގަވައިދު ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ފަހުން މި ބަދަލަށް ޢަމަލުކުރަން ފެށޭނެއެވެ.

މި އިސްލާހުތަކުގައިވާ ގޮތުން ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ބިދޭސީ މުވައްޒަފުންނަށް ވަޒީފާގެ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ މުސާރަ ޖަމާކުރަން ވާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ރަޖިސްޓްރީކޮށްފައިވާ ނުވަތަ އެ އޮތޯރިޓީން ހުއްދަ ދީފައިވާ ބޭންކެއްގެ މުވައްޒަފެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަކަށެވެ.

މީގެ ކުރިން، ވަޒީފާއާ ބެހޭ ޤާނޫނަށް 2016 ވަނަ އަހަރު ގެނައި ބަދަލުގެ ދަށުން ވެސް ބިދޭސީ މުވައްޒަފެއްގެ މުސާރައާއި އިނާޔަތްތައް ބޭންކް އެކައުންޓަކަށް ޖަމާނުކުރާ ވަޒީފާ ދޭ ފަރާތްތައް ޖޫރިމަނާ ކުރެވޭ ގޮތަށް ހަމަޖައްސާފައި އޮތެވެ.

އެހެން ނަމަވެސް ސައްޙަ ލިޔެކިޔުން ނެތް ބިދޭސީން ގިނަވެ ބޭންކް އެކައުންޓް ހުޅުވެން ނެތުމުން ވަކި ހިސާބަކުން ޖޫރިމަނާ ނެގުން މެދުކެނޑިގެން ދިޔައެވެ.

ބިދޭސީންގެ މުސާރަ އާއި އިނާޔަތްތައް ބޭންކް އެކައުންޓަށް ޖަމާކުރުން ގާނޫނުން އޭރު ލާޒިމްކުރީ ބިދޭސީން އަތުން ރެމިޓެންސް ޓެކްސް ނެގުމަށެވެ. ރެމިޓެންސް ޓެކްސް އަކީ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ދައުލަތަށް ނަގާ ޓެކްސްއެވެ.

ގިނަ ޢަދަދެއްގެ ބިދޭސީން ގަވައިދަށް ފެއްތުމުގެ މަސައްކަތް ނިންމުމަށް ފަހު އަލުން މި ގަވައިދު އިސްލާހުކޮށް ބޭންކް އެކައުންޓަށް މުސާރަ ޖަމާކުރުން ލާޒިމުކުރީ ކަމަށް ދާޚިލީ ވުޒާރާއިން ބުނެފައިވެއެވެ.

މީގެ އިތުރުން، ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ބައެއް މީހުންނަށް ޑޮލަރުން އަދި އަނެއްބައި މީހުންނަށް ދިވެހި ރުފިޔާއިން މުސާރަ ލިބޭއިރު، ލިބޭ ޑޮލަރު ކަޅު ބާޒާރުގައި ވިއްކުމާއި، ރުފިޔާއިން މުސާރަ ލިބޭ މީހުން ބޮޑު އަގުގައި ޑޮލަރު ގަންނަ މައްސަލަތައް ފާހަގަކުރެވޭކަން ކަމާބެހޭ އިދާރާތަކުން ފާހަގަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!