ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލު މަޖިލީހަށް ފޮނުވައިފި
ދެންމެ | 25 އޯގަސްޓް 2026

ކުށްކޮށްގެން ހޯދާ މުދަލާގުޅޭ ބިލެއް އެކުލަވާލައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކުށް ކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލެއް އެކުލަވާލައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވާފައިވާނެ ކަމަށެވެ.

މި ބިލު ހުށަހެޅުމުގެ މައިގަނޑު އެއް ބޭނުމަކީ، ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން ނުޙައްގުން ހޯދާ މުދާ އެ ފަރާތްތަކުގެ ކިބައިން ނަގައި، އެ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކުރުމަށްޓަކައި، ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާބެހޭ ގާނޫނީ އޮނިގަނޑެއް ތަޢާރުފުކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ ސަބަބުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ކުށް ކޮށްގެން ހޯދާ މުދަލުން މާލީ މަންފާ ހޯދުން ހުއްޓުވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން އެކި ފަރާތްތަކުން ޖިނާއީ ބޮޑެތި ކުށްކޮށްގެން ހޯދާފައިވާ ދައުލަތުގެ މުދާ ދައުލަތަށް ނެގުމުގައި މިހާރު ދިމާވެފައިވާ ގާނޫނީ މައްސަލައަށް ވެސް މި ބިލުން ޙައްލެއް ލިބިގެންދާނެކަން ރައީސް ފާހަގަކުރެއްވި އެވެ.

ބިލުގެ މަސައްކަތް މިހާތަނަށް މަޖިލީހުން ތާވަލުކޮށްފައިނުވާއިރު، ބިލުގައި ހިމެނޭ ކަންކަމުގެ ތަފްސީލެއް ވެސް އަދި ނެތެވެ.

މަނީ ލޯންޑްރިންގެ ދައުވާ އަދި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އުފުލާ ފަރާތްތަކުން ކުށްކޮށްގެން ހޯދާފައިވާ މުދާ ދައުލަތަށް ނެގުމަށް މިހާރު ވެސް ދައުލަތުން އެދެ އެވެ. ނަމަވެސް، އެފަދަ އަމުރުތައް ކޯޓުތަކުން ނެރުމުގައި އެކި ހުރަސްތައް ކުރިމަތިވެ އެވެ.

އެފަދަ ބޮޑެތި މައްސަލަތަކުގައި ފައިސާ ނަގަން ކޯޓުން އަމުރުކޮށްފައިވީ ނަމަވެސް، މުދާ ދައުލަތަށް ނަގަން އަންގާފައިވަނީ މަދު ފަހަރެއްގަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!