އަމާން އުދަރެސް ޓަވަރެއްގެ މަތިން މިއަދު ކުޑަކުއްޖަކު ވެއްޓިއްޖެއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އަމާން އުދަރެސް އުދަރެސް 2 ގެ 3 ވަނަ ބުރީގެ މަތިން ކުޑަކުއްޖަކު ވެއްޓިފައިވާކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހަރަކާތްތެރިވި ކަމަށެވެ.
މި ހާދިސާ ރިޕޯޓްކުރީ ހެނދުނު 11:35 އެހާއިރު ކަމަށާއި ވެއްޓިފައިވަނީ އުމުރުން 16 އަހަރުގެ ދިވެހި އަންހެން ކުއްޖެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެ ކުއްޖާ ވެއްޓިފައި އޮއްވާ، ކުއްޖާގެ ގައި މަތީގައި ފޮތިގަނޑެއް އަޅައިގެން ބަޔަކު ތިއްބެވެ. އެ ސަރަހައްދުގައި އެ ވަގުތު ފުލުހުން ވެސް ހަރަކާތްތެރިވަމުން ދިޔައެވެ.
މިހާރު އެ ކުއްޖާއަށް ފަރުވާދެމުންދަނީ ހުޅުމާލޭ ހޮސްޕިޓަލުގައެވެ.
އެ ހާދިސާ ހިނގަން މެދުވެރި ސަބަބެއް މިހާތަނަށް އެނގިފައި ނުވެއެވެ.



