ރިސޯޓްތަކުން 40 އިންސައްތަ މާރުކޮށް، މުސާރަ ވެސް ދޭންޖެހޭނީ ޑޮލަރުން: ރައީސް ޑރ. މުއިއްޒު
ދެންމެ | 31 އޯގަސްޓް 2026

ގާނޫނަށް ގެނައި ބަދަލާއި އެއްގޮތަށް ރިސޯޓްތަކުން 40 އިންސައްތަ ޑޮލަރު ބޭންކުތަކަށް މާރުކުރަންޖެހޭނެކަމަަށާއި މުވައްޒަފުންނަށް މިހާރުވެސް މުސާރަ ދެމުން އަންނަގޮތަށް މުސާރަ ދޭންޖެހޭނީ ޑޮލަރުންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޒާރެއް ދެއްވައިފި އެވެ.

ރައީސް މިހެން ވިދާޅުވީ މަރުކަޒީ ބޭންކު (އެމްއެމްއޭ) ހުށައަޅައިގެން ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރުން މަޖުބޫރުކުރާ ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލް ތަސްދީގުކުރެއްވުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވީ ރިސޯޓްތަކަށް މިދިޔަ އަހަރު އެކަނިވެސް 5.6 ބިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ލިބިފައިވާކަމަށެވެ. އެހެންނަމަވެސް އޭގެތެރެއިން ދައުލަތަށް އާއމްދަނީގެ ގޮތުގައި ލިބުނީ 1.38 ބިލިއަން ޑޮލަރުކަމަށެވެ. އަދި އޭގެތެރެއިންވެސް ބޭންކުތަކަށް މާރުކުރީ 21 އިންސައްތަކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރުން މަޖުބޫރުކުރާ ގޮތަށް ގާނޫނުގައި ހިމެނީ ހަމަ ތިބެފައި ނޫންކަމަށާއި ފަންނީ މީހުން އެތައް ދިރާސާތަކެއް ހެދުމަށް ފަހު ގެނައި ބަދަލެއްކަމަށެވެ. އަދި ރިސޯޓްތަކުން 40 އިންސައްތަ މާރުކުރަން އެއްވެސް ދައްޗެއް ނުވާނެކަން ޔަގީންވާކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!