ޓެކްސް ބަޔާން ހުށަނާޅައިފިނަމަ ޖޫރިމަނާއާއި ޖަލު ހުކުމެއް އަންނަ ގޮތަށް ޓެކްސް ނެގުމާއި ބެހޭ އިދާރީ ގާނޫނުގައި ހިމަނައިފި އެވެ.
2010 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ ޓެކްސް ނެގުމާއި ބެހޭ އިދާރީ ގާނޫނުގައި ބޮޑެތި އަދަބުތަކެއް ހިމަނާ އެ ގާނޫނަށް ގެނައި އިސްލާހު މިދިޔަ ހޯމަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވާފަ އެވެ.
ޓެކްސްގެ ގާނޫނުގައި ކުރިން ބުނެފައިވަނީ ޓެކްސް ބަޔާން ހުށައަޅަން ޖެހޭ މުއްދަތަށް ހުށަނާޅައިފިނަމަ އެ ފަރާތެއްގެ އަދަބަކީ 1 މަސްދުވަހާ 6 މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ގޭގައި ބަންދުކުރުންކަމަށެވެ.
ގާނޫނަށް އަލަށް ގެނައި ބަދަލުގައި މި އަދަބު ވަނީ ބޮޑުކޮށްފަ އެވެ. އެގޮތުން އާ ގާނޫނުގައި ބުނެފައިވަނީ ޓެކްސް ބަޔާން ހުށައަޅަން ޖެހޭ މުއްދަތަށް ހުށަނާޅައިފިނަމަ އެ ފަރާތެއްގެ އަދަބަކީ 3 މަސްދުވަހާއި 12 މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުންކަމަށެވެ.
މީގެއިތުރުން ޓެކްސް ނެގޭ މުއްދަތުގައި ދައްކަންޖެހޭ ޓެކުހުގެ ފައިސާގެ 0.5 އިންސައްތަ އިން ކުށް ކުރި ފަރާތް ޖޫރިމަނާކުރުމާއި އަދި 250,000 ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން އެ ފަރާތެއް ޖޫރިމަނާކުރެވިދާނެކެމަށްވެސް ގާނޫނުގައި ވަނީ ހިމަނާފަ އެވެ. އަދި ޓެކްސް ބަޔާނެއް ހުށަހަޅަންޖެހޭ ދުވަހަށް ހުށަނާޅާ ވޭތުވާ ކޮންމެ ދުވަހަކަށް 50 ރުފިޔާއިން ޖޫރިމަނާކުރަން ވެސް ވަނީ ހިމަނާފަ އެވެ.
ގާނޫނަށް ގެނައި އިސްލާހުގައި ވާ ގޮތުން ދައްކަންވާ ދުވަހަށް ޓެކްސް ނުދެއްކުމުގެ ޖޫރިމަނާވެސް ވަނީ ދެ ގުނަ ބޮޑު ކޮށްފަ އެވެ. ކުރިން ގާނޫނުގައި ބުނެފައިވަނީ ދައްކަންވާ ދުވަހަށް ޓެކްސް ނުދެއްކައިފިނަމަ އެ ކުށްކުރި ފަރާތުން ދައްކަންޖެހޭ ޓެކްސް ދައްކަންޖެހޭ ދުވަހުން ފެށިގެން ވޭތުވަމުންދާ ކޮންމެ ދުވަހަކަށް، ނުދައްކާ އޮތް ޢަދަދުގެ 0.05 އިންސައްތަ އިން އެފަރާތެއް ޖޫރިމަނާކުރެވޭނެކަމަށެވެ.
އަލަށް ގެނައި އިސްލާހުގައިވަނީ މިއަދަދު 0.1 އިންސައްތަ އަށް ބަދަލުކޮށްފަ އެވެ. އެހެންކަމުން މީ ކުރިން ގާނޫނުގައި އޮތްވަރަށް ވުރެ ޖޫރިމަނާގެ އަދަދު ޑަބަލް ވުމެވެ.



