ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑަށް ފަގީރުވެ، ހިތުގައި ޖެހިއްޖެ: އަމީރު
ދެންމެ | 03 ސެޕްޓެމްބަރ 2026

މީގެ ކުރީން ރާއްޖޭގެ ރައްޔިތުން ފަގީރުނުވާ މިންވަރަށް މިހާރު ފަގީރުވެފައިވާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީއިން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ މީގެ ކުރީގެ އެއްވެސް ސަރުކާރެއްގެ ދުވަސްވަރު ރާއްޖޭގެ ރައްޔިތުން ފަގީރު ނުވާ ވަރަށް މިހާރު ރާއްޖޭގެ ރައްޔިތުން ފަގީރުވެފައިވާކަން، ރަނގަޅަށް ވިސްނާލައިފިނަމަ އެނގޭނެ ކަމަށެވެ.

އެގޮތުން މި ވެރިކަން އައި ފަހުން ރާއްޖޭގެ ރައްޔިތުން 10،000ރ. އަށް ގަންނަ ތަކެތި މިހާރު ގަންނަން ޖެހެނީ 20،000ރ. އަށް ކަމަށާއި 2023 ވަނަ އަހަރާ އަޅާބަލާއިރު ރާއްޖޭގެ ކޮންމެ ރައްޔިތަކު ގާތްގަނޑަކަށް 30 ޕަސަންޓާއި 40 ޕަސަންޓާ ދެމެދު ފަގީރުވެފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ.

”އަޅުގަނޑު ކުޑަކޮށް ދިރާސާ ކޮށްލީމާ މި އެނގެނީ. ކޮންމެ ރައްޔިތަކު 2023 އާއި އަޅާބަަލާއިރު، ރާއްޖޭގެ ކޮންމެ ރައްޔިތަކު ގާތްގަނޑަކަށް 30 ޕަސެންޓާ 40 ޕަސެންޓާ ދެމެދު މިވަނީ ފަގީރުވެފައި. މިއީ ކުޑަ ކަމެއް ނޫން. އަޅުގަނޑުމެންގެ ރާއްޖޭގެ، ވިޔަފާރިތައް އެއްކޮށް ބަނގުރޫޓުވެއްޖެ. އިތުރަށް ބަނގުރޫޓު ވާކަށް ނެތް،“ އަމީރު ވިދާޅުވި އެވެ.

އަމީރު ވަނީ ނިމިގެންދިޔަ އެމްޑީޕީގެ ސަރުކާރުތަކާ އަޅާބަލާއިރު މި ސަރުކާރުގައި މަސްވެރިން މަސް ނުބާނާ ކަމަށްވެސް ވިދާޅުވެފަ އެވެ.

”ތިބޭފުޅުން ބައްލަވާ ރާއްޖޭގެ މަސްވެރިކަމަށް. މަސްވެރިން މަހެއް ނުބާނާ. އަޅުގަނޑުމެންގެ ސަރުކާރުތަކާ އަޅާބަލާއިރު މިހާރު އެއްވެސް ގޮތަކަށް މަހެއް ނުބާނާ. ހަމަ ސީދާ މި މީހުންގެ ސުންޕާ ކަމުން. ރާއްޖޭގެ އެހެން ވިޔަފާރިތަކަށް ބަލާނަމަ، މިހާރު އޮތީ ހަމައެކަނި ފަތުރުވެރިކަމުގެ ސިނާއަތް އެކަނި. މިހާރު އެދަނީ މި މީހުންގެ ސުންޕާ ކަމުން ފަތުރުވެރިކަމުގެ ސިނާއަތް ވެސް ހަލާކުވަމުން،،“ އަމީރު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!