ދައުލަތުގެ ބަޖެޓުން މަޝްރޫއުތަކަށް މިދިޔަ އަހަރުގެ މިމުއްދަތުގައި ކުރި ހަރަދުކުރި ވަރަށް ވުރެ މިއަހަރުގެ މިމުއްދަތުގައި ކުރި ހަރަދު ކުޑަވެ، މުސާރައަށް ކުރި ހަރަދު ބޮޑުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އެންމެ ފަހުން ނެރުނު ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓްގައިވާ ގޮތުން މި އަހަރުގެ މި މުއްދަތުގައި ތަރައްގީގެ މަޝްރޫއުތަކަށް ހަރަދުކުރީ 1.8 ބިލިޔަން ރުފިޔާ ( 18،35.7 މިލިޔަން ރުފިޔާ) އެެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 4.4 ބިލިޔަން ރުފިޔާ (4،494.4 މިލިޔަން ރުފިޔާ ހަރަދުކުރި އެވެ.
ވަކިވަކި ދާއިރާތަކުން މަޝްރޫއުތަކަށް ހަރަދުކުރި ގޮތަށް ބަލާއިރު ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާގެ މަޝްރޫއުތަކަށް މިދިޔަ އަހަރުގެ މި މުއްދަތުގައި 78.5 މިލިޔަން ރުފިޔާ ހަރަދުކުރި އިރު މިއަހަރު ހަރަދުކުރީ 26.9 މިލިޔަން ރުފިޔާ އެެވެ.
ސިއްހީ ދާއިރާގެ މަޝްރޫއުތަކަށް މިދިޔަ އަހަރު 51.8 މިލިޔަން ރުފިޔާ ހަރަދުކުރި އިރު މިއަހަރު ހަރަދުކުރީ 39.9 މިލިޔަން ރުފިޔާ އެވެ.
ތައުލީމީ ދާއިރާގެ މަޝްރޫއުތަކަށް މިދިޔަ އަހަރުގެ މި މުއްދަތުގައި 195.6 މިލިޔަން ރުފިޔާ ހަރަދުކުރި އިރު މިއަހަރު ހަރަދުކޮށްފައި އޮތީ 107.3 މިލިޔަން ރުފިޔާ އެވެ. އެއީ ޔުނިވާސިޓީތަކަށް ހަރަދުކުރި 7.1 މިލިޔަން ރުފިޔާ އާއި ސްކޫލްތަކަށް ހަރަދުކުރި 100.2 މިލިޔަން ރުފިޔާ އެވެ.
ޔުނިވާސިޓީތަކާ ގުޅޭ މަޝްރޫއުތަކަށް މިދިޔަ އަހަރު 10.5 މިލިޔަން ރުފިޔާ ހަރަދުކުރި އިރު ސްކޫލްތަކުގެ މަޝްރޫއުތަކަށް 185.2 މިލިޔަން ރުފިޔާ ހަރަދުކުރި އެވެ.
ތިމާވެށި ހިމާޔަތްކުރުމުގެ މަޝްރޫއުތަކަށް މިދިޔަ އަހަރު 202.7 މިލިޔަން ރުފިޔާ ހަރަދުކުރި އިރު މިއަހަރު ހަރަދުކުރީ 147.5 މިލިޔަން ރުފިޔާ އެވެ. އެއީ ކުނި މެނޭޖްކުރުމަށް ހަރަދުކުރި 46.2 މިލިޔަން ރުފިޔާ، ގޮނޑޮދޮށް ހިމާޔަތްކުރަން ހަރަދުކުރި 98.3 މިލިޔަން ރުފިޔާ، އިއާދަކުރަނިވި ހަކަތައަށް ހޭދަކުރި 3.0 މިލިޔަން ރުފިޔާ އެވެ.
މިދިޔަ އަހަރުގެ މިމުއްދަތުގައި ކުނި މެނޭޖްކުރުމަށް 45.5 މިލިޔަން ރުފިޔާ، ގޮނޑުދޮށް ހިމާޔަތްކުރުމަށް 139.1 މިލިޔަން ރުފިޔާ، ފެންހިންދާ ނިޒާމުތައް ގާއިމްކުރުމަށް 6.3 މިލިޔަން ރުފިޔާ އަދި އިއާދަކުރަނިވި ހަކަތައަށް 11.7 މިލިޔަން ރުފިޔާ ހަރަދުކުރި އެވެ.
ފެނާއި ނަރުދަމާ ނިޒާމުތައް ގާއިމުކުރުމުގެ މަޝްރޫއުތަކަށް މިދިޔަ އަހަރުގެ މިމުއްދަތުގައި 709.6 މިލިޔަން ރުފިޔާ ހަރަދުކުރި އިރު މިއަހަރުގެ މިމުއްދަތުގައި ހަރަދުކުރީ 210 މިލިޔަން ރުފިޔާ އެވެ.
ދަތުރުފަތުރާ ގުޅޭ މަޝްރޫއުތަކަށް މިދިޔަ އަހަރުގެ މި މުއްދަތުގައި 1.4 ބިލިޔަން ރުފިޔާ ހަރަދުކުރި އިރު މިއަހަރު ހަރަދުކުރީ 299.9 މިލިޔަން ރުފިޔާ އެވެ.
މުސާރައަށް ކުރި ހަރަދު 440 މިލިޔަން އިތުރު
ތަރައްގީގެ މަޝްރޫއުތަކަށް މިދިޔަ އަހަރުގެ މިމުއްދަތާ އަޅައި ބަލާއިރު 2.6 ބިލިޔަން ރުފިޔާ މަދުން ހަރަދުކޮށްފައިވާ އިރު ދައުލަތުގެ މުވައްޒަފުންގެ މުސާރައަށް ކުރި ހަރަދު 440.9 މިލިޔަން ރުފިޔާ އިތުރުވި އެވެ.
އެއީ މިއަހަރުގެ މިމުއްދަތުގައި ތައުލީމީ ދާއިރާ، ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާ އަދި ފެނާ ނަރުދަމާގެ މަޝްރޫއުތަކަށް ހަރަދުކުރި ފައިސާގެ އަދަދާ ގާތްކުރާ އަދަދެކެވެ. މި ދާއިރާތަކަށް މިއަހަރުގެ މިމުއްދަތުގައި ހަރަދުކުރި ފައިސާގެ ޖުމްލަ އަކީ ފިނޭންސްގެ ހިސާބުތަކުން އެނގޭ ގޮތުގައި 465،2 މިލިޔަން ރުފިޔާ އެވެ.
މިއަހަރުގެ މިމުއްދަތުގައި އާމްދަނީ އިތުރުވި
މިދިޔަ އަހަރުގެ މިމުއްދަތާ އަޅައި ބަލާއިރު ދައުލަތުގެ އާމްދަނީ އަށް 515.1 މިލިޔަން ރުފިޔާ އިތުރުވި އެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އަކީ 12.7 ބިލިޔަން ރުފިޔާ އެވެ. މިއަހަރު ލިބުނީ 13.2 ބިލިޔަން ރުފިޔާ އެވެ.
އެއީ ޓެކުހުގެ ގޮތުގައި ލިބުނު 10.8 ބިލިޔަން ރުފިޔާއާއި އެނޫން އާމްދަނީގެ ގޮތުގައި ލިބުނު 2.2 ބިލިޔަން ރުފިޔާއާއި ހިލޭ އެހީގެ ގޮތުގައި ލިބުނު 91.4 ބިލިޔަން ރުފިޔާ ހިމެނޭ ގޮތުންނެެވެ.
ފިނޭންސުން އެންމެ ފަހުން ނެރުނު ވީކްލީ ފިސްކަލް ރިޕޯޓްގައި އޮތީ މި މަހުގެ 16 ވަނަ ދުވަހާ ހަމައަށް ދައުލަތުން ހަރަދުކުރި ގޮތުގެ ތަފްސީލެވެ.