މަސްދުވަހަށް ބޭނުންވާ ފައިސާ ރިޒާވްގައި ނެތް: އެމްއެމްއޭ
ދެންމެ | 27 ޖޫން 2024
ދައުލަތުގެ ޑޮލަރު ރިޒާވުގައި މިވަގުތު ބޭނުން ކުރެވެން ހުރީ އެންމެ މަސްދުވަހެއްގެ އިމްޕޯޓަށްވާ 73 މިލިއަން ޑޮލަރު ކަމުގައި މަރުކަޒީ ބޭންކު އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މޭ މަހުގެ ނިޔަލަށް ރިޒާވުގައި ހުރީ ޖުމްލަ 485.18 މިލިއަން ޑޮލަރެވެ. މީގެތެރެއިން ކަނޑަންޖެހޭ ބައިތައް ކަނޑާލުމުން ބާކީ ޖެހެނީ 73 މިލިއަން ޑޮލަރުކަމަށް އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ރާއްޖެއަށް ބޭނުންވާ ތެލާއި ކާޑާއި ބޭސް ފަދަ ޒަރޫރީ ބާވަތްތައް އިމްޕޯޓުކުރުމަށް މަހެއްގެ މައްޗަށް 75 މިލިއަނެއްހާ ޑޮލަރު އަރައެވެ. އެހެންކަމުން ބެލެވޭ ގޮތުގައި މިވަގުތު ރިޒާވުގައި ހުރީ މަސް ދުވަހުގެ އިމްޕޯޓުތަކަށް ބޭނުންވާ ޑޮލަރެވެ.

ރާއްޖޭގެ ޑޮލަރު ރިޒާވް މި ޙާލަތައް ވެއްޓުނީ ދައްކަން ޖެހިފައިވާ ދަރަނި ބޮޑުވެފައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެ، ތަރައްގީގެ މަޝްރޫތަކަށް ބޭނުންވާ މުދާ ގެނައުމަށް ކޮށްފައިވާ ޚަރަދު އިންތިހާއަށް ބޮޑުވުމުން ކަމުގައި ބެެވެއެވެ.

މި ވަރަށް ރިޒާވު ވެއްޓުނު ސަބަބުތަކުގެ ތެރޭގައި މިދިޔަ އަހަރު މި ސަރުކާރުން އެސްބީއައިއަށް ވިއްކާފައިވާ 100 މިލިއަން ޑޮލަރުގެ ބޮންޑަކަށް 50 މިލިއަން ޑޮލަރު ދެއްކުން ވެސް ހިމެނެއެވެ.

މިދިޔަ އަހަރު އެމްއެމްއޭއިން ދިން ލަފާގައި އަހަރުގެ ކުރީކޮޅު ބަޖެޓު ހަރަދުތައް ހަމަޖައްސަން ބޭނުންވާ ފައިސާގެ ބޮޑު ބައެއް ހޯދައިގެން ނޫނީ ބަޖެޓު ތަންފީޒުކުރަން ދަތިވާނެ ކަން ވަނީ ފާހަގަކޮށްފައެވެ.

މި ފައިސާ އަދިވެސް ހަމަޖެހިފައި ނުވާއިރު ޚަރަދުތައް ކުޑަކުރަން ސަރުކާރުން ހުށަހަޅާފައިވާ ޕްލޭން ތަންފީޒުކުރުން ލަސްވުމަކީ ވެސް އޮތް ބޮޑު ކަންބޮޑުވުމެކެވެ.

ބަޖެޓަށް ލުއިކުރަން، ޖުލައި މަހުން ފެށިގެން ޓާގެޓަޑް ސަބްސިޑީ ނިޒާމަކަށް ބަދަލުކުރާނެ ކަމަށް އޮތް ނަމަވެސް ސަރުކާރުން ވަނީ އެ ސިޔާސަތު އަހަރުގެ ފަހު ކުއާޓަރުގައި ތަންފީޒުކުރަން ފަށާ ގޮތަށް ފަސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!