ރާއްޖޭން ރޯ މަސް ބޭރުކުރުން ހުއްޓާލާނަން: މިނިސްޓަރ ސިޔާމް
ދެންމެ | 28 ޖުލައި 2024

މި ސަރުކާރުގެ އަމާޒަކީ ރޯމަސް އެކްސްޕޯޓުކުރުން އެއްކޮށް ހުއްޓާލުން ކަމަށާއި އެކްސްޕޯޓު ކުރާ މަސް ދަޅުމަހުގެ ގޮތުގައި އެކްސްޕޯޓު ކުރުން ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމް މިހެން ވިދާޅުވީ އެސްއެސްޓީވީގެ “ބާރު ހަތަރެއް“ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ދެއްކެވި ވާހަކަފުޅުގައި ޝިޔާމް ވިދާޅުވީ ދިވެހިރާއްޖޭގައި އުފައްދާ ހުރިހާ އުފެއްދުންތަކެއް ހާއްސަކޮށް މިފްކޯގެ ފެސިލިޓީތަކުން ޕްރޮސެސްކުރާ މަސް ބޭރުގެ ބާޒާރުތަކަށް ރަނގަޅު އަގުގަ ވިއްކޭތޯ ބައްލަވަމުން ގެންދަވާ ކަމަށެވެ.

ޝިޔާމް ވިދާޅުވީ ބޭރުގެ ބާޒާރުގައި މަސް ވިއްކުމަށް ވަރަށް ގިނަ ރޭވުންތަކެއް ރާވައިފައި އެބަހުރި ކަމަށާއި އެ ރޭވުންތައް ފުރިހަމަވާނީ މިފްކޯގެ ހިންގުންވެސް ހަރުދަނާވެގެން ކަމަށެވެ.

ޝިޔާމް ވިދާޅުވީ މިފްކޯއިން ގަންނަ މަހުގެ 70 ވަރަަކަށް ހާސް މެޓްރިކް ޓަން އަހަރެއްގެ މައްޗަށް ބޭރުކުރާ ކަމަށެވެ.

”އޭގެތެރެއިން ގާތްގަނޑަކަށް 65 އިންސައްތަ މަސް މި ބޭރުކުރެވެނީ ރޯމަހުގެ ގޮތުގަ. ރޯމަހުގެ ގޮތުގަ ބޭރުކުރާތީ މިވާ ގޮތަކީ އަޅުގަނޑުމެންނަށް މަހަށް މި ލިބެންޖެހޭ އަގު ބާޒާރުގައި ހަގީގަތުގައި ނުލިބޭ“ ޝިޔާމް ވިދާޅުވި އެވެ.

ވީމާ ސަރުކާރުގެ އަމާޒަކީ ރޯމަސް އެކްސްޕޯޓުކުރުން އެއްކޮށް ހުއްޓާލުން ކަމަށާއި އެކްސްޕޯޓު ކުރާ މަސް ދަޅުމަހުގެ ގޮތުގައި އެކްސްޕޯޓު ކުރުން ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ސަރުކާރުގެ ވިސްނުމަކީ މިފްކޯގަ މިހާރު މި ފެސިލިޓީވެސް ތަރައްގީކުރުން ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!