ފަލަސްތީނު ހަބަރުތައް ސެންސަރު ކުރާތީ ތުރުކީން އިންސްޓަރގްރާމް ބުލޮކް ކޮށްފި
ދެންމެ | 02 އޯގަސްޓް 2024

ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސްގެ ކޮންޓެންޓުތައް އިންސްޓަގްރާމުން ސެންސާ ކުރަމުން އަންނާތީ އެކަމާ ހިތްހަމަނުޖެހިގެން ތުރުކީން އިންސްޓަގްރާމް ބްލޮކްކޮށް، އެ ގައުމުގައި ބޭނުން ނުކުރެވޭ ގޮތް މިއަދު ހަދައިފިއެވެ.

ތުރުކީގައި އިންސްޓަގްރާމް ބޭނުން ނުކުރެވޭ ގޮތް ހެދިކަން އެ ގައުމުގެ ކޮމިއުނިކޭޝަން އޮތޯރިޓީން ވަނީ ކަށަވަރުކޮށްދީފައެވެ. އެ ގައުމުގެ ސަރުކާރުގެ އިސް އޮފިޝަލަކު، ވިދާޅުވެފައިވާ ގޮތުގައި ތުރުކީން އެގޮތަށް ނިންމީ ހަމާސްއާ ގުޅުން ހުރި ކޮންޓެންޓު ސެންސަރު ކުރަމުން އަންނާތީއެވެ.

”މިއަދުން ފެށިގެން އިންސްޓަގްރާމް ވަނީ ބްލޮކްކޮށްފައި،“ ކޮމިއުނިކޭޝަން އޮތޯރިޓީން ވެބްސައިޓުގައި ކުރި ޕޯސްޓެއްގައިވެއެވެ.

ނަމަވެސް އެ ޕޯސްޓުގައި އިންސްޓަގްރާމް ބްލޮކް ކުރި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

މިދިޔަ ބުދަ ދުވަހު، ތުރުކީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ފަހްރެތިން އަލްތޫން ވިދާޅުވެފައި ވަނީ ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ ޝަހީދުކޮށްލުމާ ގުޅިގެން ތައުޒިޔާ ފޮނުއްވައި އިންސްޓަގްރާމްގައި ޝާއިއު ކުރަމުން އަންނަ މެސެޖްތައް ވެސް އިންސްޓަގްރާމުން ބްލޮކް ކުރަމުންދާ ކަމަށެވެ. އަދި ތައުޒިޔާގެ މެސެޖްތައް ބްލޮކް ކުރަން ޖެހޭ އެއްވެސް ޕޮލިސީއެއް އިންސްޓަގްރާމުން މީގެކުރިން ފާހަގަކޮށްފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޑިރެކްޓަރު ވިދާޅުވީ މީސް މީޑިއާގެ ޕްލެޓްފޯމްތައް ބޭނުންކޮށްގެން ކުރިއަށް އޮތް ތަނުގައި ވެސް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ކުރައްވާނެ ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ތިބިކަން ދެން ހުރި ހުރިހާ ޕްލެޓްފޯމްތަކުގައި ހާމަކުރަމުން ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!