ޔާމީނަކީ ބޮޑު މާ ވަގެއް ކަމަށް ބުނެ، އަދުރޭ ޔާމީނަށް އިންޒާރުދީފި
ދެންމެ | 06 އޯގަސްޓް 2024

”ކުޅަނދުރު ހަތައަށް އޮއްގާ އުކަން ނުހަދަން“ ގޮވައިލައްވައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކުރައްވައި މިރޭ އިންޒާރުދެއްވައިފިއެވެ.

 

ޕީއެންސީ ހަރުގޭގައި އޮތް ޖަގަހަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަބްދުއްރަހީމް ވަނީ ރައީސް ޔާމީން މިހާރު ބާއްވަވާ ޖަލްސާތަކުގައި އެ މަނިކުފާނު މިހާރު ދައްކަވާ ވާހަކަފުޅުތަކަށް ވަރުގަދަ ރައްދުތަކެއް ދެއްވައިފައެވެ.

އެގޮތުން ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ކޮރަޕްޝަންގެ މައްސަލަތައް ބައްލަވަން ކެރިވަޑައިނުގަންނަވާނެކަމަށާއި ބަލަން ކެރޭނަމަ އެންމެ ފުރަތަމަ ބައްލަވަންވާނީ އަބްދުއްރަހީމްގެ މައްސަލަތައްކަމަށް ވިދާޅުވެ ޔަމީން ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން އަބްދުއްރަހީމް ވަނީ ޔާމީން ހިމެނޭހެން މިނިވަން ކޮމިޓީއެއް އުފައްދަން ރައީސް ޑރ. މުއިއްޒަށް ގޮވައިލައްވައިފައެވެ.

”…ހައްދަވައިފައި އަަވަހަށް އަޅުގަނޑުގެ މައްސަލަތައް ބަލަން ހަވާލުކުރާށޭ. ކޮމިޓީގެ ޗެއާއަކަށް ލާންވާނީ ރައީސް ޔާމީނޭ. ޑެޕިއުޓީންގެ ގޮތުގައި ތިއްބަވަންވާނީ ޑރ. [މުޙައްމަދު] ޖަމީލާއި، [މުޙައްމަދު] މަލީހާ. މެމްބަރުންގެ ގޮތުގައި ތިއްބަވަންވާނީ ހުސައިން ވަޙީދާއި [ކާނަލް ރިޓަޔާޑް އަހްމަދު ފަޔާޒު] ޕާޕާ. އަޅުގަނޑު މިހުރީ ޖަވާބުދާރީވާން ދާން ތައްޔާރަށް،“ އެ މަނިކުފާނު ވިދާޅުވިއެވެ.

އެއާއެކު އަބްދުއްރަހީމް ވިދާޅުވީ އިތުރު ކޮމިޓީއެއް ވެސް އޭނާ ޗެއާކުރައްވާ ގޮތަށް ހައްދަވަން ވާނެ ކަމަށް ވިދާޅުވެފައެވެ.

”ދެން މެމްބަރުންނަށް ލާންވާނީ އަޅުގަނޑު ބުނާ ބައެއް. އޭރުން އަޅުގަނޑު އެމްއެމްޕީއާރްސީގެ މައްސަލަ ބަލައިދޭނަން. ބަލާނަން. ބަލައިފިއްޔާ ދެން ވާ ގޮތް އެނގިވަޑައިގަންނަވާނެ،“ އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އަބްދުއްރަހީމް ވަނީ 2013ވަނަ އަހަރު ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އަމިއްލަފުޅު އެއްވެސް އެކައުންޓުގައި ލައްކައެއްހައި ރުފިޔާ ނެތްއިރު، ވެރިކަން ނިންމައިލިއިރު 500 މިލިއަނުން ރުފިޔާ އެކައުންޓުގައި ހުރީ ކިހިނެއް ހޯދި ފައިސާއަކުންތޯ ސުވާލު އުފައްދަވައިފައެވެ.

”އެހެންވީމާ އަޅުގަނޑު ކުރީ ރޭ ވެސް ދެންނެވިން ކުޅަނދުރު ހަތައަކަށް އޮއްގައި ލާން ނުހަދާށޭ،“ އެ މަނިކުފާނު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ޔާމީނަށް ގަދަރުކުރައްވާކަމަށެވެ. ނަމަވެސް އަދިވެސް ޔާމީނަށް މީހުން ދަސްނުވާތީ ހިތާމަކުރައްވާކަމަށް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ދޫކުރައްވައި ޔާމީން ވަޑައިގެންނެވީ އެ މަނިކުފާނު ނޫން އެހެން ބޭފުޅަކު ވެރިކަން ކުރައްވާތީ ”ލަގޮނޑިފުޅަށް ކެތް ނުކުރެއްވިގެން“ ކަމަށެވެ.

”ދަންނަވަން މި އުޅޭ ވާހަކައަކީ ރައީސް ޔާމީން އަޅުގަނޑުމެން ދޫކުރައްވައި ވަޑައިގަތީ ގޯސްތަކެއް ހަދާތީއެއް ނޫނޭ،“ އިންތިޚާބު ކާމިޔާބުވުމަށްފަހު އޭގެ ދެ ދުވަހެއް ތެރޭ ޔާމީންގެ އަމަލުތައް ހުރި ގޮތް ހިއްސާކުރައްވައި ވިދާޅުވިއެވެ.

އެއާއެކު އެ މަނިކުފާނު ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ މި ސަރުކާރުން ވެރިކަމުގެ ދައުރު ނިންމާނީ ޔާމީންގެ ވެރިކަމުގައި ރާއްޖެއަށް ލިބުނު ތަރައްގީގެ ދެ ގުނަ ގެނެސްދީީފައިކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!