ސްޓެލްކޯ މުވައްޒަފުން ތަމްރީން ކުރުން ޕޮލިޓެކްނިކާއި ހަވާލު ކޮށްފި
ދެންމެ | 07 އޯގަސްޓް 2024

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް(ސްޓެލްކޯ) މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ދިނުމުގެ ގޮތުން ޕޮލިޓެކްނިކާއި ސްޓެލްކޯ އާއި ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

 

އިއްޔެއިން ފެށިގެން ފަސް އަހަރު ދުވަހަށް ސޮއިކުރި މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެވެ. އަދި ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއިއޯ ޒޫޝާން ކަމާލުއްދީނެވެ.

ސްޓެލްކޯއިން ބުނީ އެ އެއްބަސްވުމުގެ ސަބަބުން އެ ކުންފުނީގެ މުވައްޒަފުންނަށް ހާއްސަ ސެޓިފިކޭޝަން ކޯސްތަކާއި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ޕޮލިޓެކްނިކްގެ ދަސްވާރުންނާ ދަރިވަރުންނަށް އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމާއެކު، އެ ދާއިރާއަށް ދަރިވަރުން އަހުލުވެރިކުރުވައި، ފަންނީ ގާބިލު ޖީލެއް އުފެއްދުމަށްވެސް މަގުފަހިވުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމށް އެއްބަސްވެފައިވާ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

އެއްބަސްވެފައިވާ ކަންތައްތަކުގެ ތެރޭގައި ޕޮލިޓެކްނިކްއިން ސްޓެލްކޯއަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، ޕޮލިޓެކްނިކް އިން ދަސްވާރުންނަށް ޖާގަ އޮތް ވަރަކުން އިންޓަސްޓްރިއަލް ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމާއި، އިންޖީނުތައް އޯވަރޯލް ކުރުމުގެ މަސައްކަތް ހިނގަމުންދާއިރު ޕޮލިޓެކްނިކްގެ މުދައްރިސުންނާއި ދަރިވަރުންނަށް ސްޓެލްކޯއަށް ޒިޔާރަތްކޮށް އެކަންކަން ބެލުމުގެ ފުރުސަތު ފަހިކޮށްދިނުން ހިމެނިފައިވެ އެވެ.

މީގެ އިތުރުން ކޯސް ހިންގަން ބޭނުންވާ ތަކެތި ހޯދުމާއި ތަޖުރިބާކާރުން ހޯދުމަށް ދެފަރާތުން އެއްބަސްވާގޮތަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ބޭރުން ގެންނަށް ޓްރެއިނަރުންނާއެކު ދެ ކުންފުނިއާ ގުޅުން ހުރި ”އިން-ހައުސް ޓްރެއިން“ ފްރޮގްރާމްތަކުގައި ޖާގަ އޮތް ވަރަކުން ހިލޭ ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!