ކައުންސިލްތަކަށް ފަޅުރަށް ހަވާލު ކުރާ ތަމްރީން ޕްރޮގްރާމެއް ބާއްވައިފި
ދެންމެ | 08 އޯގަސްޓް 2024

ކައުންސިލްތަކަށް ދޫކުރުމަށް ނިންމާފައިވާ ފަޅުރަށްތަކާ ގުޅޭ ތަމްރީން ޕްރޮގްރާމެއް ބާއްވައިފިއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ޕަބްލިކް ވާރކްސްބައިގައި ބޭއްވި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްދެއްވީ ޕާރމަނެންޓް ސެކްރެޓަރީ ޢަބްދުﷲ ރަޝީދެވެ.

އެ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި ޕްރޮގްރާމުގައި ފަޅުރަށް ހޯދުމަށް އެދި ހުށަހަޅައި ޕްރޮޕޯޝަލްގައި ހިމަނަން ޖެހޭ ބައިތައް ވަރަށް ތަފްޞީލުކޮށް ވަނީ އޮޅުން ފިލުވައިދެވިފައެވެ. އަދި އެ ޕްރޮޕޯޝަލްގައި ހިމެނޭ ބައިތައް ފުރިހަމަކުރަން ޖެހޭ ގޮތްތައް ވެސް މިސާލާއެކު ޕްރޮގްރާމުގެ ބައިވެރިންނަށް އިއްޔެގެ ސެޝަންގައި އޮޅުންފިލުވައިދެވިފައި ވެއެވެ.

އެ ވުޒާރާއިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވާ ގޮތުގައި ކައުންސިލުތަކަށް ޖުމްލަ 28 ރަށެއް 25 އަހަރުގެ މުއްދަތަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި 28 ރަށަކީ:

 

1. ހދ. ފަރިދޫ 11. ރ. ކުޑަތުޅާދޫ 20. ތ. ކަކޮޅަސް

 

2. ހދ. ހިރިނައިދޫ 12. ބ. މާއްޑޫހުޅުދޫ 21. ލ. ކަނޑަރު

 

3. ށ. ނަރުރިނބުދޫ 13. ބ. ގާވިލިނގިލި 22. ލ. ބޮޑުމާބުޅަލި

 

4. ށ. މިގޫދޫ 14. ބ. ދަކަންދޫ 23. ގއ. ވިލިގަލާ

 

5. ށ. ގައްލައިދޫ 15. މ. މާހުރާ 24. ގއ. މުނަންދުވާ

 

6. ނ. ދީފުރަމް 16. ފ. މަކުނުއެރި 25. ގދ. މާނައިދޫ

 

7. ނ. އިނގުރައިދޫ 17. ދ. ފެންފުށި 26. ގދ. އާކިރަހުއްޓާ

 

8. ރ. ހިބޫދޫ 18. ދ. މިނިމަސްގަލި 27. ގދ. ވާރެޔަދުވާ

 

9. ރ. ހުޅުދޫ 18. ދ. މިނިމަސްގަލި 28. ގދ. ލޮނުދޫ

 

10. ރ. ނެޔޮ 19. ތ. ފެންމީރުފުށި

 

މި ރަށްތައް ހޯދުމަށް އެދި ހުށަހަޅައި ފޯމުގައި ހުށަހަޅައި ފަރާތުގެ މަޢުލޫމާތާއި، އެއް ކައުންސިލަށް ވުރެ ގިނަ ކައުންސިލުތައް ބައިވެރިވެގެން ހުށަހަޅައި ނަމަ އެ ކަމަކާއި، ހޯދުމަށްއެދޭ ރަށުގެ މަޢުލޫމާތާއި، ހުށަހަޅައި ބޭނުމާއި މުއްދަތާއި، އިޤްރާރުގެ ބައެއް ހިމެނިފައި ވެއެވެ. މި ރަށްތައް ދޫކުރަނީ ޤަވާއިދު ނަންބަރު 2024/R-8 (މަސްވެރިކަމާއި ދަނޑުވެރިކަމާއި އިޤުތިޞާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދު) ގެ 5 ވަނަ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރުގެ ދަށުންނެވެ.

އެ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި މި ފޯމުގެ ޖަދުވަލު 1 ގައިވާ ގައިޑްލައިނާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ތަފްސީލު ރިޕޯޓާއި، ހުށަހަޅައި ރަށެއްގައި ނުވަތަ ރަށުގެ ބައެއްގައި ކުރަން ނިންމާ ބޭނުމަކާ ގުޅޭގޮތުން ރަށުގެ ރައްޔިތުންނާއި މަޝްވަރާކޮށް ރައްޔިތުންގެ ބައްދަލުވުމަކުން ނިންމާފައިވާ ނިންމުމާއި، ހުށަހަޅައި ރަށެއްގައި ނުވަތަ ރަށުގެ ބައެއްގައި ކުރަން ނިންމާ ބޭނުމަކަށް ކައުންސިލަށް ރަށް ދޫކުރުމާ ގުޅޭގޮތުން، ހުށަހަޅައި ރަށުގެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލުގެ އަޣުލަބިއްޔަތުން ނިންމައި، ދީފައިވާ ހުއްދައާއި، ހޯދަން ހުށަހަޅައި ރަށް ނުވަތަ ސަރަޙައްދު ބޭނުންކުރާނެ ގޮތުގެ ކުރެހުމާއި، ހުށަހަޅައި ފަރާތުގެ މާލީ ތަނަވަސްކަން އަންގައިދޭ ލިޔުން (ބޭންކަކުން ނުވަތަ މާލީ އިދާރާއަކުން ދޫކުރާ، މާލީ ހާލަތު ބަޔާންކޮށްދޭ ލިޔުން)އާއި، ކައުންސިލުތަކުން ގުޅިގެން ހުށަހަޅައި ތަފްޞީލީ ރިޕޯޓެއްނަމަ، ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ ކަންކަން ހިމެނޭނެހެން، ރަށުގައި ކުރަން ހުށަހަޅައި މަސައްކަތެއް ކުރުމަށް ކައުންސިލުތަކުގެ މެދުގައި ވެވޭ އެއްބަސްވުމާއި، ކައުންސިލް ނިސްބަތްވާ ރަށުގެ ފާސްކޮށްފައިވާ ލޭންޑް ޔޫސް ޕްލޭނާއި، ލޭންޑް ޔޫސް ޕްލޭން ފާސްނުކުރާ ރަށްރަށުގެ ބިމުގެ ޙާލަތު ބަޔާންކޮށްފައިވާ ލިޔުން ހިމަން ޖެހެއެވެ.

މި ތަމްރީން ޕްރޮގްރާމުގައި އަތޮޅު ކައުންސިލުތަކާއި، ރަށު ކައުންސިލުތަކުގެ އިސްވެރިންގެ އިތުރުން ވަޒީރު އާދަމް ޝަރީފު ޢުމަރު ބައިވެރިވެވަޑައިގެންނެވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!