ހުޅުމާލޭގައި އިތުރު 10 ސުކޫލު މިސަރުކާރުން ގާއިމް ކުރާނަން: ރައީސް
ދެންމެ | 11 އޯގަސްޓް 2024

ހުޅުމާލޭގެ ތިން ފިޔަވަހި ހިމެނޭގޮތަށް ޖުމްލަ 22 ސްކޫލް ބޭނުންވާކަމަށާއި، ސަރުކާރުގެ އަމާޒަކީ މި ފަސްއަހަރު ނިމެންވާއިރަށް 10 ސްކޫލު އިމާރާތްކުރުންކަމަށް ރައީސުލްޖޫމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު މާލެ ސިޓީ ކައުންސިލް މެމްބަރުނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، މުޅި ހުޅުމާލެއަށް 22 ބޭނުންވާކަމަށެވެ. ރައީސް ވިދާޅުވީ އެ އަދަދަށް ސްކޫލް ބޭނުންވަނީ މިހާރުވެސް އިމާރާތްކޮށްފައިވާ ސްކޫލްތައް ހިމެނޭގޮތަށް ކަމަށެވެ.

”ހުޅުމާލޭގެ މުޅި ތިން ފިޔަވަހީގައި މި އާބާދުވާ ދެ ލައްކަ އަށް ވުރެ ގިނަ ރައްޔިތުންނަށް ބަލާއިރުގައި، މުޅި ޕްލޭންގައި އަޅުގަނޑުމެން ބޭނުންވޭ 22 ސްކޫލް އަންނަން. 22 ސްކޫލް އިނގޭތޯ. އެއީ މިހާރުވެސް ހުރި ސްކޫލް ތަކާއި އެކީ،“

ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

 

ރައީސް ވިދާޅުވީ، މިއަހަރާއި އެކު ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ހުޅުމާލޭގައި އެޅޭނެ ސްކޫލްތަކުގެ އަދަދު ބެލުމަށްފަހު، މަދުވެގެން 7 ނުވަތަ 10 ސްކޫލް އިމާރާތްކުރާނެ ކަމަށެވެ.

މިއީ ވަރަށް ބޮޑު ޚަރަދެއް ހިނގާނެކަމެއްކަން ފާހަގަކުރައްވަމުން ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، ކޮންމެ ސްކޫލެއްގައި ގާތްގަނޑަކަށް 1،500 ކުދިންގެ ޖާގަ ހުންނާނޭ ކަމަށެވެ. ސްކޫލްތައް އިމާރާތް ކުރަނީ ދައުލަތުގެ ބަޖެޓުން ނުވަތަ ލޯނު ނަގައިގެންވިޔަސް އެކަމަށް ބޮޑު ހަރަދެއް ހިނގާނޭކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، މިފަދަ ކަންކަމުގައި މާލެ ސިޓީ ކައުންސިލްގެ އެހީތެރިކަން ލިބޭނެކަމަށް އުންމީދު ކުރައްވާކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!