އާއްމުކޮށް ދެކެވިފައި އޮންނަ ގޮތުގައި ރުޅި ގަދަވުމަކީ އަމިއްލަ ނަފްސަށާއި ސިއްހަތަށް ގެއްލުންހުރި ކަމެކެވެ. ނަމަވެސް އަތްފައިން ގޯސްހަދައި ދުލުގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާހާ ހިނދަކު ރުޅިއަކީ އަމިއްލަ ނަފްސަށާއި ސިއްހަތަށް ފައިދާކުރާ ކަމެއް ކަމަށް ސައިކޮލޮޖިސްޓުން ބުނެ އެވެ.
ސްޓްރެސް ދަށްކޮށްދޭ
ރުޅި އައުމަކީ ތިބާގެ އިހުސާސްތައް އަނެކުންނަށް އަންގައިދީ ބޭރުކޮށްލަން ލިބޭ ފުރުސަތެކެވެ. އެގޮތުން އިހުސާސްތައް ހިފަހައްޓައިގެން ހުރުމުގެ ބަދަލުގައި ބޭރު ކުރެވުމަކީ ނަފްސާނީ ދުޅަހެޔޮ ކަމަށް ފައިދާ ހުރި ކަމެކެވެ.
އަމާޒު ވަރުގަދަ ކޮށްދޭ
ވަޒީފާގެ މާހައުލުގައި ނުވަތަ ގޭތެރޭގެ ކަންކަމުގައި ވެސް ރުޅި އައުމަކީ ތިބާގެ ލަނޑުދަނޑި ހަނދާން ކޮށްދީ އެ ލަނޑުދަނޑިއަށް ވާސިލްވާން ހިތްވަރާއެކު މަސައްކަތް ކުރުމަށް ލިބޭ ބާރެކެވެ.
އުނދަގޫ ހާލަތްތަކުގައި އެހީވެދޭ
ރުޅިއަކީ ހިތްހަމަ ނުޖެހޭ އުނދަގޫ ހާލަތްތައް މެދުވެރިވުމުން އިންސާނާގެ މިޒާޖުގެ ”ރެސްޕޮންސް“ އެވެ. މި ރެސްޕޮންސް ނެތި މިފަދަ ހާލަތްތަކާ ކުރިމަތިލައި އެ ހާލަތްތަކުން އަރައިގަތުމަކީ އުނދަގޫ ކަމަކަށް ވާނެ އެވެ.
ގުޅުންތައް ވަރުގަދަ ކޮށްދޭ
ކުރިން ހީކުރެވިފައިވާ ގޮތާ ޚިލާފަށް ތިބާގެ ބައިވެރިއާ ދެކެ ރުޅި އައުމަކީ ދެމީހުންގެ ގުޅުން އިތުރަށް ބަދަހިވެ ވަރުގަދަވާ ކަމެކެވެ. ދެބަސްވުމަކީ އެކަކު އަނެކަކުގެ އިހުސާސްތައް ދެނެގަނެ ބައިވެރިޔާ އިތުރަށް ދަސް ކުރުމަށް އެހީވެދޭ ކަމެކެވެ.
ތެދު ބުނަން އެހީ ވެދޭ
ބައެއް ފަހަރު އަނެކުންނަށް ދެރައެއް ވެދާނެތީ ތެދު ބުނަން ފަސްޖެހޭ ފަހަރު އާދެ އެވެ. މިފަދަ ހާލަތްތަކުގައި ރުޅިއަކީ ތެދު ބުނަން އެހީވެދީ ތެދު ނުބުނެފިނަމަ ދިގު މުއްދަތުގައި ލިބިދާނެ ގެއްލުމަކުން ސަލާމަތް ކޮށްދޭނެ އިހުސާސެކެވެ.