ސްކޫލު ހުޅުވިފަ ހުންނަ ދުވަސްވަރެއްނަމަ ކުދިން ސްކޫލަށް ދާގަޑީގައި އެ ސްކޫލުތައް ހުންނަ ސަރަހައްދުގެ ފިހާރަތަކަށް ވަރަށް ބާރު ބޮޑުވެއެވެ. ކުދިންގެ އިންޓަވަލަށް ބޭނުންވާ ބާގަރ ސަބްމެރީން އަދި ސޭންޑްވިޗް ފަދަ ތަކެތި ފިހާރަތަކުން ގަތުމަކީ ބިޒީ ޝެޑިއުލުގައި މަސައްކަތް ކުރާ ބައެއް ބެލެނިވެރިންގެ އާދައަކަށް ވަނީ ވެފައެވެ.
ކުދިކުދި ރަށްރަށުގައި ވިއްކަން ހުންނަ ތަކެތި އުފައްދަނީ ކާކުކަން އެނގުނަސް މާލޭގެ ފިހާރަތަކުގައި މިގޮތަށް ހުންނަ ކާތަކެއްޗަކީ ކޮންތަނަކުން ކާކު އުފެއްދި އެއްޗެއް ކަމެއް ގިނަފަހަރަށް އެނގެން ނުހުރެއެވެ. އެތަކެތި އުފެއްދުމުގެ ފަހަތުގައި ސާފުތާހިރުކޮށް މިމަސައްކަތްކުރާ ދިވެހީން ތިބުމަކީވެސް ވެދާނެކަމެކެވެ. އަދި ހަމައެއާއެކު މުޑުދާރު ތަންތަނުގައި ކާތަކެތި އުފައްދާ ބިދޭސީން ތައްޔާރުކުރާ ތަކެއްޗަށް ވުމަކީވެސް ވެދާނެކަމެކެވެ.
ގަވާއިދާއި ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން އަނބުރާ ފޮނުވާލުމަށް މޯލްޑިވްސް އިމިގްރޭޝަނުން ފަށައިފައިވާ މަސައްކަތުގެ ދަށުން ބަލާ ފާސްކުރި ތަންތަނުގައި ދިވެހިން އާންމުކޮށް ބޭނުންކުރާ ކާބޯތަކެތި ތައްޔާރުކުރާކަން އެވަނީ ފަޅާއަރާފައެވެ. އެއިން ތަނެއްގެ ފޮޓޯ ފެނުނަސް ހޮޑުލެވޭވަރު ވާނެއެވެ. މިހާދުވަހަށް ދުފަން މިބޭނުންކުރެވުނީ އެ ފާޚާނާތަށި ކައިރީގައި ތައްޔާރުކުރި ފޯއް ނޫންބާވައޭ ސުވާލު ނުއުފެދޭ ހެއްޔެވެ؟ ދަރިންނަށް އިންޓަވަލަށް މި ދެވުނީ ބުޅާގެ މަސް ނޫންބާވައޭ ހިތަށް ނައަރާ ހެއްޔެވެ؟ ހަމަ ޔަގީނުންވެސް މިގޮތަށް އެއްޗެހި ގަންނަ މީހުންނަށް ޔަގީންކަމެއް ނޯންނާނެއެވެ. ސަބަބަކީ ބިދޭސީންގެ ވިޔަފާރި ފުޅާވެފައިވާ މިންވަރެވެ. ދިވެހި ރަހަތައް ކަމަށް ބުނެ ރިހާކުރާއި، ތެލުލިފަތާއި ކުދިގުޅަވެސް އެތައްޔާރު ކުރަނީ އެއްކަލަ ކުނިކޮއްޓެއްހެން ހުރި މުޑުދާރު ތަނުގައެވެ. އަދި ދިވެހީންގެ ސަމާލުކަމަށް އެންމެފަހުން މިއައީ ބުޅާގެމަސްއަޅައިގެން މާލެސަރަހައްދަށް ކާތަކެތި ވިއްކާ ބިދޭސީއެއްގެ ވާހަކައެވެ.
މިފަދަ ތަފާތު ބާވަތްތައް ވިއްކާ މުއްސަނދިވަމުން އަންނަ ބިދޭސީންގެ ހަގީގީ ކުލަވަރު ފަޅާއަރުވާލުމަށް މަސައްކަތްކުރާ އާންމުންނާއި ސަރުކާރުގެ މުއައްސަސާތަކަށް ޝުކުރު ހައްގެވެ. އެކަމަކު ދެރައީ އެކަމަށް ހޭދަވި ވަގުތެވެ. އާންމު ސާފުތާހިރުކަމުގެ މިންގަނޑާއި ޚިލާފަށް ކާބޯތަކެތި ވިއްކުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ދެވިގެން ނުވާނެއެވެ.
ބޭރުން ތަކެތި ގަނެގެން ކެއުމުން ކާނާވިހަވެ ހާލުދެރަވާ ކުދިންވެސް އުޅެއެވެ. އެކަމަކުވެސް ފަސޭހައަކަށް އަނެއްކާވެސް އެފަދަ ތަކެތި ގަނެފަ ދެނީ ކިތައް ބެލެނިވެރިންތޯއެވެ. ވިސްނާލަމާ ހިނގާށެވެ. ގޮތްނޭނގޭ ތަކެތި ނުގަންނަމާ ހިނގާށެވެ. ގަވާއިދާއި ޚިލާފަށް ކާބޯތަކެތި ތައްޔާރުކުރާކަން އެނގޭނަމަ ރިޕޯޓް ކުރަމާ ހިނގާށެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި ދިވެހިރާއްޖޭގައި ލިބެން ހުންނަ ކާބޯތަކެއްޗަކީ ރައްކާތެރި އަދި އާންމު ސިއްހަތަށް ގެއްލުން ނުވާނެފަދަ ތަކެތިކަން ކަށަވަރުކުރުމަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޒިންމާއެކެވެ. ކާބޯތަކެތި އުފައްދާ ތަންތަނާއި، ތައްޔާރުކުރާ ތަންތަނާއި، ބަންދުކުރާ ތަންތަނާއި، ރައްކާކުރާ ތަންތަނާއި، ގުދަންކުރާ ތަންތަނާއި، ގަނެ ވިއްކާ ތަންތަނާއި، އެއްތަނުން އަނެއްތަނަށް އުފުލާ ނުވަތަ ފޯރުކޮށްދިނުމުގެ މަސައްކަތްކުރާ ތަންތަނާއި އެ ތަންތަނުގެ ތަކެއްޗާއި ވަސީލަތްތައް ބަލައި ފާސްކުރުމާއި ފިޔަވަޅު އެޅުމަކީ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޒިންމާއެކެވެ. އެޒިންމާ ރަނގަޅަށް އަދާކުރެވުނުނަމަ މާލޭގައި މުޑުދާރުކޮށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ހުންނާނީ ވޭތުވެދިޔަ އަހަރުތަކުގައި ބަންދުކޮށްފައެވެ. އެކަމަކު އެޒިންމާ ފުރިހަމައަށް އަދާނުކުރެވުމުގެ ހިތި ނަތީޖާއަކީ މާލޭގެ ގިނަ ފިހާރަތައް ކެފޭއަށް ބަދަލުވެ ތަފާތު ކާތަކެތި ވިއްކަން ހުންނައިރު އެތަކެތީގެ ސާފުތާހިރުކަން ޔަގީން ނުކުރެވުމެވެ.
ކޮންމެކޮންމެ ތަނެއްގައި ކާބޯތަކެތި ވިއްކިގެންވެސް ނުވާނެއެވެ. ކާބޯތަކެތި ތައްޔާރުކުރާ އަދި ވިއްކާ މިފަދަ މުޑުދާރު ތަންތަން އަވަހަށް ބަންދު ކުރުމަކީ ރައްޔިތުންގެ އާދޭހެވެ. އިހުމާލުވާ ފަރާތްތަކަށް އަވަސް ފިޔަވަޅު އެޅުމަކީ ރައްޔިތުންގެ އުންމީދެކެވެ.