ޔޯގާ ޑޭ އަށް ހުރަސް އެޅީ އިންޑިޔާ އައުޓް ވެއިލްވުމުން: އެމްޓީޑީ
ދެންމެ | 23 ޖޫން 2022

ޔޯގާ ދުވަސް ފާހަގަ ކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސްހަޅާ ހަމަނުޖެހުން ހިންގަން އިދިކޮޅު ޕީޕީއެމް އިން ހިތްވަރު ދީފައިވަނީ އިންޑިއާ އައުޓް ކެންޕެއިންނަށް ތަރުހީބެއް ނެތުމުން ކަމަށް މޯލްޑިވްސް ތާޑްވޭ ޕާޓީން ވިދާޅުވެއްޖެއެވެ.

ޔޯގާ އިވެންޓަށް ހުރަސް އެޅުން ކުށްވެރިކޮށް، ކުރީގެ ނައިބު ރައީސް، އަޙްމަދު އަދީބްގެ އެމްޓީޑީން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ޔޯގާ ދުވަސް ގޮތުގައި 21 ޖޫން ހަމަޖައްސަން 2014 ގައި ހުށަހެޅި ގަރާރު ރައީސް ޔާމީނުގެ އިރުޝާދުގެ ދަށުން އޭރުގެ ސަރުކާރުން ކޯ-ސްޕޮންސަރ ކުރެއްވި ކަމަށެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން ބައިނަލްއަޤްވާމީ ޔޯގާ ދުވަހަކީ ދިވެހި ސަރުކާރާއި އިންޑިއަން ހައިކޮމިޝަން އަދި  އ.ދ އާއި ގުޅިގެން ރާއްޖޭގައި ކޮންމެ އަހަރަކު ފާހަގަކުރާ ދުވަހެއްކަން ފާހަގަކޮށްފައިވެއެވެ.

އެ ބަޔާނުގައި ”އިންޑިއާ އައުޓް“ ކެންޕެއިނަކީ ރައީސް ޔާމީން އިންޑިއާ އާއި މެދު ހިންގަވާ ޒާތީ ކެމްޕޭނެއްގެ ގޮތުގައި ފާހަގަކޮށް އިތުރަށް ވިދާޅުވީ، އިންޑިޔާ އާއި ދެކޮޅަށް ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފައްދައި ދީނީ އެކި ޖަމާޢަތްތަކަށް ހިތްވަރު ދެއްވައި ހައްދުފަހަނަޅާފާއިވާ ދަރަޖައަށް ޕީޕީއެމް މެދުވެރިކޮށް ކަންކަން ގެންގޮސްފައިވާ ކަމަށެވެ. އަދި މިދަރަޖައަށް ކަންކަން ގެންގޮސްފައިވަނީ އިންޑިއާ އައުޓް ކެންޕެއިނަށް ތާއީދެއް ނެތުމުން ކަމަށް ވިދާޅުވިއެވެ.

އެމްޓީޑީ ގެ ބަޔާނުގައި ވަނީ މިމައްސަލައިގައި ރައީސް ޞާލިޙް ދައުލަތުގެ އިދާރާތައް މެދުވެރިކޮށް ސީރިއަސް ތަހުގީގެއް ފެށުމަށް އަމިއްލައަށް އިސް ނައްގަވާ ވަގުތުން ނިންމި ނިންމުމަށް މަރުހަބާ ދަންނަވާފައެވެ. އަދި އަވަސް ފިޔަވަޅުތަކެއް އަޅުއްވައި މިފަދަ ކަމެއް ރާއްޖޭގައި ތަކުރާރު ނުވާނެގޮތަށް ކަންކަން އިންތިޒާމު ކުރުމަށް ވެސް އެ ޕާޓީން ވަނީ ގޮވާލާފައެވެ.

ގުޅުންހުރި ލިޔުންތައް