ގައުމީ ބޭންކް ބީއެމްއެލުން އިއްޔެ ނިންމި ބޮޑު ނިންމުމާ ގުޅުވައިގެން ކުރަން އުޅުނީ ސީދާ ބަޣާވާތެއް ކަމަށާއި އޭގެ އަޑީގައި ތިބި ބަޔަކު ހޯދައި އަދަބު ވެސް ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ބޭއްވި ޖަގަހަ ޖަލްސާގައި ރައީސް ވިދާޅުވީ ބީއެމްއެލް އިން އިއްޔެ އެ ނިންމުން ނިންމަން އުޅޭކަން އެ މަނިކުފާނަށް އެނގިވަޑައިގެންނެވި ހިސާބުން ފެށިގެން މިނިސްޓަރުންނާ އެކު ވަރަށް ގިނަ މަސައްކަތްތައް ކުރެއްވި ކަމަށެވެ. ބީއެމްއެލް އިން އެގޮތަށް ނިންމީ އެމަނިކުފާނާ ދެކޮޅަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ބޭންކަކުން ސަރުކާރާ ދެކޮޅަށް އެފަދަ ނިންމުމެއް ނިންމުމުން ވަރަށް ގިނަ ބަޔަކު ސުވާލު އުފެއްދި ކަމަށެވެ. ނަމަވެސް، ގިނަ ބަޔަކަށް ނޭނގި އޮތީ ބީއެމްއެލްގެ ބޯޑުގައި ސަރުކާރުގެ މެޖޯރިޓީ މި ވަގުތު ނެތްކަން ކަމަށް ރައީސް ވިދާޅުވި އެވެ.
ބީއެމްއެލްގެ އެ ނިންމުން ބާތިލްކުރުމަށްޓަކާ ސަރުކާރުން ކުރި މަސައްކަތަށް ވަރަށް ގިނަ ބޭފުޅުންގެ އެހީތެރިކަން ވެސް ލިބުނު ކަމަށް ރައީސް ވިދާޅުވި އެވެ.
”އެތަނުގައި އަދި ތިބީ ސަރުކާރުގެ ހަތަރު ޑިރެކްޓަރުން. ދެން ތިބި ފަސް މީހުންނަކީ ސަރުކާރުގެ ޑިރެކްޓަރުނެއް ނޫން. އެހެންވީމާ އަދި ނެތް މެޖޯރިޓީއެއް. އަޅުގަނޑުމެންގެ ދެ ޑިރެކްޓަރުންގެ ނަން ފޮނުވައިގެން އަދިވެސް އެ ބޭފުޅުންގެ އެ އޮންނަ ޕްރޮސީޖާއެއްގެ ތެރެއިން ދެތިން ހަފުތާ ވާނެ އެ މީހުން އައްޔަންކުރަން. އަދި ޗެއާމަން ވެސް އައްޔަން ނުކޮށް، ނަން ފޮނުވާފައި އޮންނާނީ،“ ރައީސް މުއިއްޒު ވިދާޅުވި އެވެ.
”ނަމަވެސް ޕްރައިވެޓް ޑިރެކްޓަރުންގެ ތެރޭގައި ހިމެނޭ ބޭފުޅުންގެ ތެރެއިން ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އާއި ހުސެއިން އަފީފް ވަރަށް އެހީތެރިކަން ދެއްވި. ދެއްވައިގެން އެ ބޭފުޅުންނާ ރިޕްރެޒެންޓުވާ ޑިރެކްޓަރުންނާ ވާހަކަ ދައްކައިގެން އެ ބޭފުޅުންގެ ސަޕޯޓާއި އަޅުގަނޑުމެންގެ ޑިރެކްޓަރުންގެ ސަޕޯޓާ އެކީގައި ދެން އެ ކުރެވުނު މަސައްކަތުން އިއްޔެ އަޅުގަނޑުމެން ކެބިނެޓުން ހެނދުނުން ފެށިގެން ކުރި މަސައްކަތުން ހަވީރު އެ ނިންމުން [ބީއެމްއެލްގެ ނިންމުން] ބާތިލް ކުރެވުނީ.“
ރައީސް ވިދާޅުވީ މިއީ ވަކި ބަޔަކު އަޑީގައި ތިބެގެން ދުރާލައި ރާވައިގެން ކުރަން އުޅުނު ބަޣާވާތެއް ކަމަށެވެ. އެކަމަށް ބާރު ލިބޭ ހެކިތަކެއް ހުރުމުން ފުލުހުން މިހާރު ތަހުގީގު ވެސް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
”މި ކުރި ކަންތައް، ސަލާމަތް ބުއްދި ހުރި ކޮންމެ މީހަކު ވިސްނާލީމާ ހުރިހާ ޑޮޓްތަކެއް ގުޅިގެންދާކަން އެނގޭނެ. މި ކުރި ކަންތައް މިއީ ހަމަ ޝިޔާމް ވެސް ފާހަގަކުރެއްވި ގޮތަށް، މި ވާނީ އެޓެމްޕްޑެޓް ކޫއަކަށް (ބަޣާވާތަކަށް)، އެ ކުރި ބަޔަކު ކުރީ،“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ފުލުހުންގެ މައްޗަށް އެ މަނިކުފާނު އެއްވެސް ސިޔާސީ ބާރެއް ނުހިންގަވާ ކަމަށެވެ. ފުލުހުން މި މައްސަލަ ތަހުގީގުކޮށް، ކުށްވެރިވާ ބަޔަކު ގާނޫނުގެ ކުރިމައްޗަށް ގެނެސްފި ނަމަ، އެ ބަޔަކަށް ހައްގު އަދަބު ދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ވަނީ ގައުމީ ބޭންކް ބީއެމްއެލް އިން އިއްޔެ ނިންމި ބޮޑު ނިންމުމާއި އެކަމާ ގުޅުވައި ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބެލެވޭ ކަންތައްތަކެއް ހުރި ކަމަށް ބުނެ އެ މައްސަލަ ތަހުގީގުކުރަން ފެށި ކަމަށް ބުނެފަ އެވެ.
ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް ހަދައި ބީއެމްއެލް އިން ނިންމީ އެންމެ ރަނގަޅު ނިންމުން ނޫން ކަމަށާއި އެއީ ސަރުކާރާ އެކު ކުރި މަޝްވަރާތަކުގައި ދިން ލަފަޔާ ޚިލާފު ނިންމުމެއް ކަމަށް ސަރުކާރުން އިއްޔެ ވެސް ބުނެފައި ވެ އެވެ.