ގައުމު މިހާލަތަށް ވެއްޓުނީ އެމްޑީޕީން 8 ބިލިޔަން ޗާޕްކޮށް، ބޮޑެތި ވައްކަން ކޮށް، އިންތިހާއަށް ލޯނުނެގުމުން: ރައީސް
ދެންމެ | 27 އޯގަސްޓް 2024

މިއަހަރުގެ ނޮވެމްބަރު މަސް އަންނައިރު ރާއްޖޭގެ ރިޒާވް ރަނގަޅުކޮށް އިޤްތިޞާދު އަލުން ރަނގަޅު ޙާލަތަށް ގެނެވޭނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

މިރޭ އޮތް ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރުވެސް ޤައުމުގެ ހާލަތު ރައްޔިތުންނަށް ހާމަކޮށްދެއްވާފައިވާނެ ކަމަށާއި އެގޮތުން ކުރީގެ ސަރުކާރުން ރާއްޖެ އިގްތިސާދީގޮތުން ފުން އަނދަވަޅަކަށް ވައްޓާފައިވާ ކަމަށެވެ. އެގޮތަށް ދިމާވީ ގިނަ އަދަދެއްގެ ރުފިޔާ ޗާލުކުރުމާއި ބޮޑު އިންޓްރަސްޓެއްގައި ލޯނުތައް ނެގުމާއި ކޮވިޑު ތެރޭގައި އިސްރާފުކުރުމުންކަން ރައީސް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނުގެ އިޚްލާޞްތެރިކަން ހުންނާނެ ކަމަށާއި، މި ސަރުކާރުން މަސައްކަތް ކުރައްވަނީ ފައިސާ ޗާޕުނުކޮށް އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ކަމަށާއި އެގޮތަށް މަސައްކަތް ކުރައްވަން ފެއްޓެވުމުން ރާއްޖޭގެ އިޤްތިސާދު ވެއްޓިފައިވަނީ އަޑިނޭނގޭ އަނދަވަޅަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”އިޤްތިސާދީ ހުރިހާ މާހިރުން، ދުނިޔޭގެ އެހެން ހުރިހާ ޖަމިއްޔާތަކެއް، އައިއެމްއެފް، ވޯލްޑްބޭންކް އަދި އެހެން ފަރާތްތައްވެސް ފާހަގަކުރާ އެންމެ އަސާސީ ކަމަކީ ފައިސާ އިތުރަށް ޗާޕުނުކޮށް ދެން ކަންކަން ރަނގަޅުކޮށް ރިޒާވް ވަރުގަދަކޮށް ކަންކަން ރަނގަޅުކުރަން މަސައްކަތް ފެށީމައޭ ރަނގަޅު މިސްރާބުން ދާނީ. އެ މަސައްކަތް އެގޮތަށް ފެށުމުން އަޅުގަނޑުމެންނަށް އިހުސާސްވާންފެށީ ވެއްޓިފައިވާ ފުން އަނދަވަޅު،“ ރައީސް ވިދާޅުވިއެވެ.

އެމްޑީޕީ ސަރުކާރުން ރާއްޖޭގެ އިޤްތިޞާދު ފުން އަނދަވަޅަކަށް ވައްޓާލާފައިވާ ކަން ރައީސް ތަކުރާރުކޮށް މިރޭވެސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ސަބަބުން އަންނަ ނޮވެމްބަރު މަސް އަންނަންވާއިރު ރާއްޖޭގެ ރިޒާވް ރަނގަޅުކޮށް އެ ބިލުތަކަށް ފައިސާ ދައްކައި، އިޤްތިޞާދު ރަނގަޅުވެގެންދާނެ ކަމަށެވެ.

”އަޅުގަނޑު ރައްޔިތުންނަށް ދޭ ޔަގީންކަމަކީ މިއަހަރުގެ ނޮވެމްބަރު މަސް އަންނަންވާއިރަށް އަޅުގަނޑުމެންނަށް ވަރަށް ޔަގީންކަން އެބައޮތް އަޅުގަނޑުމެންގެ ރިޒާވް ރަނގަޅުކޮށް އަޅުގަނޑުމެންގެ އިޤްތިޞާދަށް މިދެންނެވި ރަނގަޅު ކުރިއެރުންތައް ގެނެސްދީ، މިދެންނެވި ބިލުތަކަށް ރައްޔިތުންނަށް ފިނޭންސް މިނިސްޓްރީން ޕޭމަންޓްތައް ހަދައި. މި ޕޭމަންޓްތައް ލިބެންހުރި ކުންފުނިތަކަށް ފައިސާ ދޭނަން. ދީ ނިންމާ ގިނަ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދޭނަން ފައިސާ ޗާޕުނުކޮށް،“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނީ ޤައުމަށް އެންމެ ފައިދާ ހުރިގޮތް ޚިޔާރުކުރައްވައިގެން ކަމަށާއި އެ ސިޔާސަތުގެ ދަށުން މާގިނަދުވަސްތަކެއް ނުވެ ރައްޔިތުންނަށް އުފާވެރިކަން ލިބގެންދާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!