ކުރީގެ ރައީސުންނަށް ދޭ އިނާޔަތް ކަނޑާލަން ޖެހިދާނެކަމުގެ އިންޒާރު ވެރިކަން ކުރާ ޕީއެންސީން ދީފި އެވެ.
ޕީއެންސީން ރޭ ހަރުގޭގައި ބޭއްވި ޖަލްސާގައި ޕީއެންސީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވަނީ ޚަރަދުތައް ކުޑަކުރުމާ ގުޅޭ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދައްކަވާފައިވާ ވާހަކަތަކަށް ރައްދު ދެއްވާފައެވެ.
އެގޮތުން ރައީސް ނަޝީދުއަށް އިޝާރާތްކުރައްވައި ފަލާހު ވިދާޅުވީ މިހާރުވެސް ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ކުރީގެ ރައީސްގެ ސެކިއުރިޓީއަށާއި އެހެން ކަންކަމަށް ހަތަރު ފަސް މިލިއަން ރުފިޔާ ވަރު ހޭދަވާ ކަމަށެވެ.
އެހެންވެ ޚަރަދުތައް ކުޑަކުރަން ކުރީގެ ރައީސުން ވިދާޅުވާއިރު އެ ބޭފުޅުންނަށް ދައުލަތުން ކުރާ ބޮޑު ހޭދަވެސް ކުޑަކުރަން ޚުދު އެ ބޭފުޅުން ވެސް ވާހަކަދައްކަވަން ޖެހޭނެކަން ފަލާހު ފާހަގަކުރެއްވިއެވެ.
އެގޮތުން އެ ބޭފުޅުންނަށް ދެމުންގެންދާ އިނާޔަތްތައް ކަނޑާލަފާނެކަމުގެ ނުސީދާ އިޝާރާތެއް ފަލާހު ރޭ ދެއްވި އެވެ.
”އެކަންކަން އެގޮތަށް ކުރައްވާ ކަމަށް ވަންޏާމު އަޅުގަނޑުމެންނަށް ރައްޔިތުންގެ މަޖިލީސްތެރެއިން ވިސްނަން ޖެހޭނެ ކަންކަން ހުންނާނެ. އެއީ މިއިން ކޮންމެ ބޭފުޅަކަށް ދައުލަތުގެ ބަޖެޓުން އެބަ ހަރަދު ކުރޭ ގާތްގަނޑަކަށް އަހަރަކު ހަތަރު ފަސް މިލިއަން ރުފިޔާ،“ ފަލާހު ވިދާޅުވި އެވެ.
މިހާރު އިނާޔަތް ދެމުންގެންދާ ކުރީގެ ރައީސުންގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު، ރައީސް މައުމޫން އަބްދުލް ގައްޔޫމް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ހިމެނިވަޑައިގަންނަވަ އެވެ. އެއާއެކު ޖުމްލަ ފަސް ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވާފައިވާ އިރު ބޮޑެތި އަދަދަދުން ކޮންމެ އަހަރަކުވެސް އެ ބޭފުޅުންނަށް އިނާޔަތް ލިބިވަޑައިގަންނަވަ އެވެ.