ރައީސް އިބުރޭ، މޮޅު ވާހަކަ ދައްކާފައި ރައްޔިތުންނަށް ދިނީ ދޯކާ: އިލްޔާސް
ދެންމެ | 04 ސެޕްޓެމްބަރ 2023

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރުމަށް ދިވެހި ރައްޔިތުން ނިކުތީ އަނެއްކާވެސް އުންމީދެއްގައި ކަމަށާއި، އޭގެ ފަހުން ބަދަލަކަށް ގެނައި ސަރުކާރުން ރައްޔިތުންނަށް ދޯކާދީ، ހަރާންކޯރުވެއްޖެ ކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

ޑިމޮކްރެޓްސްގެ އުތުރާ ދެކުނުގެ ތަސައްވުރު ލޯންޗުކުރަން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ، އޭނާ އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތްކޮށް އެކި ތަފާތު މީހުންނާއި ވާހަކަ ދައްކަމުން ކަމަށެވެ.

”އަޅުގަނޑުމެން މިއަންނަނީ އަނެއްކާވެސް ދިވެހި ރައްޔިތުން އެދޭ ބަދަލު ދިވެހިރާއްޖެއަށް ބޮޑު އިންގިލާބީ ބަދަލެއް ގެނައުމަށްޓަކައި. އަޅުގަނޑު މިހިރީ އެބަދަލު ގެނައުމަށް ތިބޭފުޅުންނާއެކީ ނިކުމެ. އަޅުގަނޑުމެން ފެށި މަސައްކަތް މިދާ ސްޕީޑުގައި މި ހިތްވަރާއެކު މިއަންނަ ފަސް އަހަރު މިރާއްޖޭގެ ރައްޔިތުންނަށް ގެނެސްދޭނަން،“. އޭނާ ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ، މިބަދަލު ގެނައުމަށްޓަކައި ރާއްޖޭގެ ކޮންމެ ދިމާއަކަށް ތަސައްވުރެއް އެބައޮތް ކަމަށާއި، އެކަން ކުރާނެ ޕްލޭނެއް އެބައޮތް ކަމަށެވެ. ރާއްޖޭގެ އެއްވެސް އަތޮޅެއް ބާކީ ނުކުރާނެ ކަމަށާއި، ޑިމޮކްރެޓްސްގެ މެނިފެސްޓޯގައި ކަންތައްތަކެއް ކުރަން ނުހިމަނާ އެއްވެސް ރަށެއް ނޯންނާނެ ކަމަށް އިލްޔާސް ވިދާޅުވިއެވެ. އަދި ޑިމޮކްރެޓްސްއިން އަންނަނީ އެ ހުރިހާ ސަރަހައްދަކަށްވެސް ތަރައްގީ ގެނައުމަށް ޕްލޭންކޮށްގެން ކަމަށާއި، އެއީ އެސަރަހައްދެއްގެ ފަރުދީ ތަނަވަސްކަން އިތުރު ކުރެވޭނެ ގޮތްތައް ހޯދައިދޭން އެގޮތަށް އެސަރަހައްދުތައް ބަދަލު ކުރަން ކަމަށް ވިދާޅުވިއެވެ.

”މިއަދު ތިލަދުންމަތީގެ ވާހަކަދައްކާއިރު، އަޅުގަނޑުމެންނަށް އެބައޮތް ފެންނަން ތިލަދުންމަތީ ކުޅުދުއްފުށީގައި ބަނދަރެއް. މި ބަނދަރު އެތާ އޮންނަތާ ކިތަންމެ ޒަމާނެއް. މި ބަނދަރުގެ ފައިދާ، މަންފާ އެ ސަހަރައްދުގެ ރައްޔިތުންނަށް ލިބޭނެ ގޮތް، އިންތިޒާމުވެސް އޮންނަންޖެހޭނެ. އެތަނުގައި އިންޓަރނޭޝަނަލް އެއާރޕޯޓެއް އެބައޮތް.“.

އިލްޔާސް ވިދާޅުވީ، ކުޅުދުއްފުށީ އެއާރޕޯޓާއެކު އެސަހަރައްދަށް ބޮޑޭތި ތަރައްގީ ގެނެވޭނެ ކަމަށާއި، އެ ސަރަހައްދުގެ ރިސޯޓުތަކާއި، ގެސްޓު ހައުސްތައް އަދި އަމިއްލަ ވިޔަފާރިތަކަކީ ކޮބައިތޯ ބަަލައި އެކަންކަން ކުރުމަަށް ބޭނުންވާ ފައިސާއާ ވަސީލަތްތައް ހޯދައިދޭނެ ކަމަށެވެ.

“ އަޅުގަނޑުމެން މިއަންނަނީ މިކަންކަން ކުރުމަށް ބޭނުންވާ ފައިސާއާ، ވަސީލަތްތަކާ ހިފައިގެން 15 ދުވަސްތެރޭ އެކަންތައް ކުރެވޭނެ ގޮތް ހަމަޖައްސައި އެކަންތައް ފެއްޓުމަށް. އަޅުގަނޑުމެން މަޑަކުން ނުތިބޭނަން، އަޅުގަނޑުމެން ގޮސް ތިލަދުންމަތީ ރައްޔިތުންނާ އެކީ މިމަސައްކަތުގަ ތިބޭނަން.“

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!