ނާޒިމް ސައްތާރާއި ވައްތަރު މީހެއް އެއްޖިންސުން ގުޅުން ހިންގާ ވީޑިޔޯގެ ތަހްގީގް ފުލުހުން ފަށައިފި
ދެންމެ | 24 ޖޫން 2022

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލު އަދި ކޮއްކޯފުޅު، ނާޒިމް ސައްތާރު ފިރިހެނަކާއި އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ކަމަށް ބުނާ ވީޑިއޯގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ނާޒިމް ސައްތާރާއި ވައްތަރު މީހެއް އެއްޖިންސުން ގުޅުން ހިންގަނިކޮށް ނަގާފައިވާ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވާން ފަށާފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. ވީޑިއޯ ދައުރުވާން ފެށުމާއި އެކީ އޭނާ ބުނެފައިވަނީ އެއީ އޭނާ ނޫން ކަމަށެވެ.

މިމައްސަލަ ބެލުމަށް ގިނަ ބަޔަކު ފުލުހުންނަށް ގޮވާލަމުން އަންނަ ދަނޑިވަޅެއްގައި ފުލުހުން ވަނީ މައްސަލަ ތަހުގީގު ކުރަމުން އަންނަކަން ހާމަ ކޮށްފައެވެ.

އެގޮތުން ފުލުހުން ވިދާޅުވީ، ގިނަ އަދަދެއްގެ މީހުން ހިމެނޭ ގޮތަށް ބްލެކްމެއިލް ކުރުމުގެ މައްސަލައެއް އެއިދާރާއަށް ހުށަހެޅުމާއި ގުޅިގެން އެމައްސަލައިގެ ތަހުގީގެއް ފުލުހުން މީގެ ކުރިން ފަށާފައިވާ ކަމަށާއި އަދި ސޯޝަލް މީޑިއާގައި މިއަދު އާންމުވި ވީޑިއޯއާއި ގުޅިގެން ވީޑިއޯގައި ހިމެނޭ މީހުންގެ މައްސަލަ މިއަދު ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.

”މިމައްސަލައިގެ ތަހުގީގު ތެރެއިން އިތުރަށް އަޅަން ޖެހޭ ފިޔަވަޅުތައް މިދަނީ އަޅަމުން“ ފުލުހުން ވިދާޅުވިއެވެ.

ނާޒިމް ސައްތާރުގެ މައްސަލަ ފުލުހުން ބަލަމުން އަންނަކަން ހާމަ ކުރި ނަމަވެސް، ގިނަ ބަޔަކު އަންނަނީ ފުލުހުން މައްސަލަ ނުބަލައި ދޫކޮށްލާނެ ކަމަށް ބުނަމުންނެވެ. އެފަރާތްތަކުން އެގޮތަށް ގޮވަމުން އަންނަނީ މީގެ ކުރިން ވެސް އެގޮތަށް އެއްޖިންސުން ގުޅުން ހިންގި މީހުންގެ މައްސަލަ ފުލުހުން ބަލާފައި ނުވާތީއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!