އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގެ މަދަނީ ސަރަޙައްދުތަކަށާއި މުހިންމު އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ދާދި ފަހުން ދިން ޑްރޯން އަދި މިސައިލް ހަމަލާތައް ވަރަށް ހަރުކަށި އިބާރާތުން ރާއްޖޭން ކުށްވެރިކޮށްފި އެވެ.
އީރާނަށް އަމާޒުކޮށް އިޒްރާއީލް އަދި އެމެރިކާއިން ދިން ހަމަލާ ބަދަލުކުރުން ހުއްޓާލަން އީރާނާއި އެމެރިކާއިން އެއްބަސްވެގެން ތިބި މި ދަނޑިވަޅު އިއްޔެ ރޭ ޔުނައިޓް އަރަބި އެމިރޭޓްސް އަށް އީރާންގެ މިސައިލް އަދި ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށް ބުނާއިރު ރޭ ވެސް ހަމަލާ ދީފި އެވެ.
ނަމަވެސް އީރާންގެ އަސްކަރިއްޔާއިން ބުނީ ޔޫއޭއީ އަށް ހަމަލާ ދީފައިނުވާ ކަމަށާއި އީރާނުން ހަމަލާދިން ކަމަށް ބުނާ ވާހަކަ ކަނޑައެޅިގެން ދޮގުކުރާ ކަމަށެވެ.
ޔޫއޭއީގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އެ ގައުމުގެ މުހިންމު އިމާރާތްތަކަށް އަމާޒުކޮށް ދިން ޑްރޯން އަދި މިސައިލް ހަމަލާތައް ކުށްވެރިކޮށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިއީ ބައިނަލްއަގުވާމީ އުސޫލުތަކާ ހިލާފަށް ދިން ހަމަލާއެއް ކަމަށް ރާއްޖެއިން ދެކޭ ކަމަށެވެ. އަދި މިއީ މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން، ޔޫއޭއީގެ ސިޔާދަތާއި، ސަލާމަތާއި، އަދި ސަރަޙައްދީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެ ގައުމުގެ ސަރުކާރުން އަޅަމުންދާ އެންމެހާ ފިޔަވަޅުތަކަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކުރާނެކަމުގެ ޔަގީންކަން ވެސް މި ބަޔާނުގައި ވަނީ ދީފަ އެވެ.
މި ހާދިސާތައް ހިނގާފައި މި ވަނީ އީރާނުން ބަންދުކޮށްފައިވާ ހޮރްމޫޒް ކަނޑުއޮޅި ހުޅުވަން އެމެރިކާއިން ހާއްސަ އޮޕަރޭޝަނެއް ފަށާފައި ވަނިކޮށެވެ. އީރާނުން ބުނެފައިވަނީ ހޮރްމޫޒު ކަނޑުއޮޅިއަށް ބޭރުގެ އަސްކަރިއްޔާއަކުން، އަދި ހާއްސަކޮށް އެމެރިކާގެ އަސްކަރިއްޔާއިން ވަދެފި ނަމަ އެއީ ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ހިލާފުވުން ކަމުގައި ބަލާނެ ކަމަށެވެ.



