ވީޑިޔޯއަކުން ހައްދުގެ ކުށެއް ކަނޑައެއް ނޭޅޭނެ: ޑރ. އިޔާޒް
ދެންމެ | 25 ޖޫން 2022

ވީޑިއޯ އަކުން ފެންނަފެނުމުގެ މައްޗަށް ބަރޯސާވެ ޝަރްޢީގޮތުން އެމީހެއްގެ މައްޗަށް ޙައްދު ގާއިމް ނުކުރެވޭނެ ކަމަށް މަޝްހޫރު ތަފްސީރު ޢިލްމުވެރިޔާ ޑރ މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް މި ފަދައިން ވިދާޅުވީ، ސިޔާސީ އަދި ޝަރުޢީ ދާއިރާގައި މަޤުބޫލުކަން ހޯދާފައިވާ ބައެއް މީހުން ފާޙިޝް ޢަމަލު ހިންގަނިކޮށް ނަގާފައިވާ ވީޑިއޯތަކެއް ލީކްވެފައިވާ ދަނޑިވަޅެއްގައެވެ.

ޑރ. އިޔާޒް ވިދާޅުވީ، ފާޙިޝް ޢަމަލު ހިންގަނިކޮށް ވީޑިއޯ އަކުން ފެންނަފެނުމުގެ މައްޗަށް ޝަރްޢީގޮތުން އެމީހެއްގެ މައްޗަށް ޙައްދު ގާއިމް ނުކުރެވޭނެ ކަމަށާއި އެހެން ނަމަވެސް މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެފަދަ މީހުންގެ މައްޗަށް ތަޢްޒީރީ އަދަބު ދިނުމުގެ ބާރު ޙާކިމާ އަށް ލިބިގެންވާ ކަމަށެވެ.

އަދި މީގެ އިތުރުން ގުނަވަނެއް ހަލާކުވެ އަދި އޭގެ ސަބަބުން އެހެން ގުނަވަންތަކަށް އަޘަރުކޮށްފާނެނަމަ އެގުނަވަނެއް ބުރިކޮށްލާ ކަމަށް ވިދާޅުވެ، ހަމައެގޮތަށް މުޖްތަމަޢުގެ އަޚްލާޤީ ފޭރާން ވީދިގެންދާ ފަދަ ހަޑިމުޑުދާރު ޢަމަލުތައް ހިންގާ މީހުންނާއި މެދު ފިޔަވަޅު ނޭޅި ލަސްވެއްޖެނަމަ މުޅި މުޖްތަމަޢަށް ނުރަނގަޅު އަސަރު ކުރާނެ ކަމަށް ވެސް ޑރ، އިޔާޒް ވިދާޅުވިއެވެ.

މި ފަދަ ވީޑިއޯތައް ދައުރުކުރާ ފަރާތްތަކަށް އިޝާރާތް ކުރައްވައި، ޑރ. އިޔާޒް ވަނީ އެއީ ވެސް ކުރުން ރަނގަޅު ނޫން ކަމެއް ކަމަށް ވިދާޅުވެފައެވެ. ޑރ. އިޔާޒް ވިދާޅުވާ ގޮތުގައި ފާޙިޟް އަމަލުތައް ފެންނަ ވީޑިއޯ ބެލުމަކީ، އާންމުކުރުމަކީ އަދި ދައުރުކުރުމަކީ ވެސް ހަރާމް ކަމެކެވެ.

ސަރުކާރުގައި ހިމެނޭ އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުންނާއި، ސިޔާސީ ބައެއް ފަރާތްތަކާއި ގުޅުންހުރި ބޭފުޅުންގެ ބަރަހަނާ ފޮޓޯތަކާއި ވީޑިއޯތައް ލީކުވެ އެބޭފުޅުންނަށާއި ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

ލީކްވެފައިވާ ބައެއް ވީޑިއޯތަކުގެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ ބަލަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!