ރާއްޖެއަށް އުފާވެރިކަން ގެނައި ޕާޓީ އަކީ އެމްޑީޕީ: ރައީސް ނަސީދު
ދެންމެ | 26 ޖޫން 2022

ދިވެހިރާއްޖެ ބަދަލުކުރި ޕާޓީއަކީ އެމްޑީޕީ ކަމަށް ވިދާޅުވެ އެޕާޓީގެ އަހަރީ ދުވަހުގެ ތަހްނީޔާ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ މެންބަރުންނަށް މިއަދު ފޮނުއްވައިފިއެވެ.

އެމްޑީޕީ ރަޖިސްޓްރީ ކުރީ 2005 ވަނަ އަހަރުގެ ޖޫން 26 ވަނަ ދުވަހު އެވެ.

ދެންމެ ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ އަހަރީ ދުވަހު ޕާޓީގެ މެންބަރުންނަށާއި ތާއިދު ކުރައްވާ ބޭފުޅުންނަށް މަރުހަބާ ދަންނަވާ ކަމަށެވެ. އެއަށްފަހު އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖެ ބަދަލުކުރި ޕާޓީ އަކީ އެމްޑީޕީ ކަމަށެވެ. ”ހާއްސަކޮށް ޓެކްސްގެ ނިޒާމެއް ތައާރަފްކޮށް ދައުލަތުގެ އާއްމުދަނީ އިތުރުކޮށް ރައްޔިތުންނަށް އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނީ އެމްޑީޕީ.“ ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިއަދު އެމްޑީޕީގެ އަހަރީ ދުވަހުގެ ތަހްނިޔާ ޕާޓީގެ މެންބަރުންނަށް ފޮނުވިއިރު މިދުވަސްވަރަކީ ނަޝީދާއި ދެކޮޅު ބޭފުޅުންގެ ބާރު އެމްޑީޕީގައި ގަދަ ދުވަސްވަރެކެވެ. ނަޝީދު ވެސް މިހާރު ވަނީ ސަރުކާރުން ބޭނުންވާ ގޮތައް ރައްޔިތުން މަޖިލީހުގައި ވޯޓް ނުދެއްވާނެ 20 މެންބަރުންނާއިއެކު އެމަނިކުފާނު ފެކްޝަން ރަސްމީކޮށް އިއުލާން ކުރައްވާފައެވެ.

އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވެފައި ވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް