އުމުރުން 55 އަހަރުގެ އަނޫރާ އަކީ ސްރީ ލަންކާގެ ސަރުކާރުގައި ހިމެނޭ ބޭފުޅެއް ނޫނެވެ. އަދި އޭނާ ތަމްސީލު ކުރައްވާ ސިޔާސީ އިއްތިހާދު، ނޭޝަނަލް ޕީޕަލްސް ޕަވާ އަކީ އެންމެ ބޮޑު އިދިކޮޅު ޕާޓީއެއް ވެސް ނޫނެވެ. އެ ގައުމުގައި 225 މެންބަރުން ތިއްބަވާ ރައްޔިތުންގެ މަޖިލީހުގައި ވެސް އެ ޕާޓީއަށް ލިބިފައިވަނީ އެންމެ ތިން ގޮނޑި އެވެ.
އަދި އޭނާގެ ޕާޓީއަކީ އިންޑިއާގެ އެންމެ ބޮޑު ޖިއޮޕޮލިޓިކަލް ވާދަވެރިޔާ، ޗައިނާއާ ވަރަށް ގާތް ޕާޓީއެއްގެ ގޮތުގައި ގިނަ ފަހަރަށް ބެލެވެ އެވެ.
ވޯޓު ލުމުގެ ހައްގު ލިބިގެންވާ 17.1 މިލިއަން މީހުންގެ ތެރެއިން 76 ޕަސެންޓް މީހުން ވޯޓު ލާފައި ވާއިރު މިހާތަނަށް ގުނި ޕޯސްޓަލް ވޯޓުގެ 58 ޕަސެންޓް އަނުރާ އަށް ވަނީ ލިބިވަޑައިގެންފަ އެވެ.
މި އިންތިހާބުގައި ލަންކާގެ ރައީސް ރަނިލް ވިކްރަމްސިންހު އާއި އެ ގައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނަމާލް ރާޖަޕަކްސައިގެ އިތުރުން އިދިކޮޅު ވަރުގަދަ ލީޑަރެއް ކަމަށްވާ ސަޖިތު ޕްރެމަދަސާ ވާދަކުރައްވަ އެވެ.
މިފަހަރު ވާދަކުރެއްވި އެންމެ ޒުވާން ކެންޑިޑޭޓް ނަމާލް މިހާރު ވަނީ ބަލި ގަބޫލްކޮށް އަނޫރާ ކުމާރަ ޑިސެނަޔަކަ(އޭކޭޑީ) މަރުހަބާ ވިދާޅުވެފަ އެވެ. ނަމާލް އަށް އަދި މިހާތަނަށް ސާފުކުރި ނަތީޖާއިން ލިބިވަޑައިގަތީ އެއް ޕަސެންޓެވެ.
މި އިންތިހާބުގައި މިހާރު ލިބިފައިހުރި ނަތީޖާތައް ދައްކާ ގޮތުން އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސަ އަށް ލިބިވަޑައިގަތީ 20 ޕަސެންޓް ވޯޓެވެ. އަދި މިހާރުގެ ރައީސް ރަނިލް ވިކްރެމަސިންހަ އޮތީ ތިންވަނައިގައި 18 ޕަސެންޓް ވޯޓާ އެކުގަ އެވެ.
ނޭޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ) ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި އަނޫރާ ވަނީ ކެންޕެއިންގައި ބާޒާރުގެ އަގުތައް ކޮންޓްރޯލްކުރުމަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށާއި އައިއެމްއެފްގެ ޕްރޮގްރާމަށް ބަދަލު ގެނެސް ރައްޔިތުންނަށް އިގްތިސާދީ ގޮތުން އިތުރު ލުޔެއް ހޯދައިދިނުމަށް ވައުދުވެފަ އެވެ.
އަދި ހާއްސަކޮށް މޫނަކަށް ބެލުމެއްނެތި ސިޔާސީ ”ވަގުން“ ނަށް ހަރުކަށި އަދަބުދީ ކޮރަޕްޝަންގެ ދޮރުތައް ލަންކާގައި ބަންދުކުރާނެ ކަމަށް ވިދާޅުވާ ވިދާޅުވުމަކީ އޭކޭޑީ ލަންކާގެ ރައްޔިތުންގެ ކުރިމަތީ މަގްބޫލުވި އެއް ސަބަބެވެ.