ޔާމީން އދ. އަށް ނުދިޔައީ ކަންނެތް ކަމުން: ސުޖާޢު
ދެންމެ | 22 ސެޕްޓެމްބަރ 2024

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމް، އދ. ގެ އާންމު މަޖިލީހަށް ވަޑައިގެން ތަގުރީރު ނުދެއްވުނީ އެމަނިކުފާނުގެ ”ކަންނެތް“ ކަމުން ކަމަށް، ވެރިކަން ކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ސީނިއާ ޑެޕިއުޓީ ލީޑަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޔާމީނަކީ ޕީއެންސީ/ޕީޕީއެމްގެ ކުރީގެ ލީޑަރެވެ. 2023 ގެ ރިޔާސީ އިންތިހާބުގައި އެ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓަކަށް ވެސް ދެ ޕާޓީގެ ޖޮއިންޓް ކައުންސިލުން ކަނޑައެޅީ ޔާމީނެވެ. ނަމަވެސް އޭރު ޔާމީނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ދެމިއޮތުމުގެ ސަބަބުން ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެވުނެވެ.

ޔާމީނުގެ ބަދަލުގައި އިއްތިހާދުގެ ބެކްއަޕް ކެންޑިޑޭޓުގެ ގޮތުގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖެހުނު ފަހުން ޔާމީނާއި ޕާޓީގެ އެެހެން އިސް ބޭފުޅުންނާ ދެމެދު މައްސަލަ ޖެެހެން ފެށި އެވެ. ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ހަފުތާއެއް ވެސް ނުވަނީސް ޔާމީން ޕީޕީއެމް ދޫކޮށްލެވި އެވެ.

މިހާރު ޕީޕަލްސް ނެޝަަނަލް ފްރަންޓް (ޕީއެންއެފް) ގެ ނަމުގައި ޕާޓީއެއް އުފައްދައިގެން، ސަރުކާރުގެ އިސް ބޭފުޅުންނަށް، ޔާމީނުގެ ޕާޓީގެ ހަރަކާތްތެރިން ގެންދަނީ ވަރަށް ބޮޑަށް ބަހުގެ ހަމަލާތައް ދެމުންނެވެ. އެ ގޮތުން ރައީސް މުއިއްޒު އދ. އަށް ވަޑައިގަތުމުގެ ކަވަރޭޖަށް ވަރަށް ބޮޑަށް މަލާމާތް ކުރަމުން އެބަ ދެ އެވެ.

އެ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ޝުޖާއު ހަނދާން ކޮށްދެއްވީ ޔާމީނުގެ ވެރިކަމުގައި އެންމެ ފަހަރަކު ވެސް އދ. އަށް ތަގުރީރުކުރައްވަން އެމަނިކުފާނު ވަޑައިނުގަންނަވާ ކަމެވެ.

”އދ. ގައި ރައީސް ޑރ. މުއިއްޒު ތަގުރީރު ކުރައްވާތީއާއި، ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރައީސް ޑރ. މުއިއްޒު އދ. އަށް ވަޑައިގެންނެވި ހިސާބުން ރައީސް ޔާމީން ލޮލަށް ނިދި ނާދޭ،“ ޝުޖާއު ވިދާޅުވި އެވެ.

”ރައީސް ޔާމީން އދ. އަށް ވަޑައިނުގެންނެވީ މީހަކު ހިފަހައްޓައިގެނެއް ނޫނޭ، ކަންނެތްކަމުން،“

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!