އަލަމްގިރީ އާއިއެކު ކުޅިކުޅުނު އެންމެން ކަރަންޓީނު ކުރޭ: ޑރ. އިޔާޒް
ދެންމެ | 23 ޖުލައި 2022

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރިއާއެކު އެއްޖިންސުން ޖިންސީ ގުޅުން ހިންގި މީހުން ކަރަންޓީނު ކުރަންޖެހޭ ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

މިދިޔަމަހު ފެންމަތިވި އެއްޖިންސުން ގުޅުން ހިންގުމުގެ މައްސަލަތަކާއި ގުޅިގެން ހައްޔަރު ކޮށްފައިވާ އަލަމްގިރި އަކީ މީގެ ކުރިން ވެސް މިފަދަ އަމަލުތައް ހިންގުމުގައި މަޝްހޫރު މީހެއްކަމަށް ބައެއް ފަރާތްތަކުން ބުނެފައިވާތީ، އެކަމާ ގުޅިގެން ޑރ. އިޔާޒު މިއަދު ވިދާޅުވީ، އެކަމުގެ ސަބަބުން ސިއްހީ ކާރިސާއެއް މެދުވެރިވެ މުޅިގައުމު އެކަމުގައި ހިތާމަ ކުރަން ޖެހުމުގެ ކުރިން އެކަމުގައި ބައިވެރިވާ އެންމެން ކަރަންޓީނުކޮށްގެން އަދަބު ދެވެންޖެހޭ ކަމަށެވެ.

އަދި މި މައްސަލާގައި އެ ފަރާތްތަކަށް ފިޔަވަޅު އެޅުމުގައި ގާތް މީހެއް ދުރުމީހެއް ތަފާތު ނުކުރުމަށް ވެސް ދިވެހި ފުލުހުންނަށް އިޔާޒު ވަނީ ގޮވާލައްވާފައެވެ.

އެންމެފަހުން އާންމުވި މައުލޫމާތަށް ބަލާއިރު، ރާއްޖޭގެ އެތައް ސަތޭކަ ބަޔަކާއެކު އަލަމްގިރި ވަނީ އެއްޖިންސުން ގުޅުން ހިންގާފައެވެ. އަދި އެފަދަ ބައެއް ވިޑިއޯތައް ލިކްވެފައި ވީނަމަވެސް އެމައްސަލައިގައި މިހާތަން މީހަކު ހައްޔަރު ކޮށްފައެއް ވެސް ނުވެއެވެ. ފުލުހުން ބުނީ އަލަމްގިރީ ވެސް ބަންދު ކުރީ އެހެން މައްސަލައެއްގައި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!