ނިމިގެން ދިޔަ ހަފްތާގައި އިހަވަންދިއްޕޮޅުގައި ފެށި ބަންކަރިންގެ ޚިދުމަތާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދެއްކެވި ވާހަކަތަކާ މެދު އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ސުވާލު އުފައްދަވައިފިއެވެ.
ބަންކަރިންގެ ޚިދުމަތް ފަށައި 400 މިލިއަން ޑޮލަރު ޖީޑީޕީއަށް ވަންނާނެކަމަށް މިނިސްޓަރު ސައީދު ވިދާޅުވެފައިވާ އިރު، އެ ޚިދުމަތް ފަށަން އެސްޓީއޯއިން ވިއްސަކަށް މިލިއަން ޑޮލަރު ހޭދަކުރި ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ،
އެހެން ނަމަވެސް ރޭ ރާއްޖެ ޓީވީން ގެނެސްދިން ”ފަލަ ސުރުޚީ“ ޕްރޮގްރާމްގައި އަަމްރު ވަނީ މިނިސްޓަރު ސައީދު ވިދާޅުވި އަދަދުތަކާމެދު ސުވާލު އުފައްދަވައިފައެވެ.
އެގޮތުން 20 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން 400 މިލިއަން ޑޮލަރު ލިބޭ ވާހަކަ ބުނުމުން ހަމައެއް ނުޖެހޭ ކަމަށް އަމްރު ވިދާޅުވި އެވެ. އަދި ހަމަ ޓަސްލާފައި އެގޮތަށް އިކޮނޮމިސްޓަކަށް ނުބުނެވޭނެ ކަމަށް ވެސް އަމްރު ވިދާޅުވި އެވެ.
”ޓަސްލާފައި ނަންބަރެއް ބުނީމަ އޭގެން އަންނަ ނެގެޓިވް އިމްޕެކްޓް މާބޮޑުވޭ. ދެން މީގެ ދެ ތިން ދުވަހެއް ކުރިން ފެށިއިރުގައި އެބައިން ނޫހުގައި ޖަހާފައި 20 މިލިއަން ޑޮލަރު އިންވެސްޓްކުރި ވާހަކަވެސް. އެހެން ނަމަވެސް އެ ކުރީ ކޮން އެއްޗަކަށްތޯވެސް އެނގެން ޖެހޭނެ ނޫންތޯ. އަނެއްކާ 20 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން 400 މިލިއަން ޑޮލަރު ލިބޭ ވާހަކަ ހަމައެއް ނުޖެހޭ“ އަމްރު ވިދާޅުވި އެވެ.
އެހެންކަމުން އެ ވާހަކަތައް ރަނގަޅަށް ރައްޔިތުންނަށް ކިޔައިދޭން ޖެހޭ ކަމަށާއި އަދި އެއީ ކޮން ޒަމާނަކުން 400 މިލިއަން ޑޮލަރު ލިބޭ ވާހަކަތޯވެސް ސާފުކޮށްދޭން ޖެހޭކަމަށް އަމްރު ވިދާޅުވި އެވެ.
”އެއީ ޓްރާންސްޝިޕްމަންޓް ޕޯޓެއް ހަދާ އޭރުން އެތަނަށް ފިއުލް ސްޓޯރޭޖުވެސް ބަދަލުކޮށްގެން އެތަނުގެ އޮޕަޜޭޝަން ދިނީމާ 400 މިލިއަން ޑޮލަރު ވަންނަ ވާހަކަތޯ؟ ދެން 20 މިލިއަން ޑޮލަރު މި އިންވެސްޓް ކުރަނީ އެއީ އެތަނުގައި އޮންނަ ޓްރާންސްޝިޕްމަންޓް ޕޯޓަށް އެސްޓީއޯއިން އެ ދައްކަން ޖެހޭ ފައިސާތޯ.“ އަމްރު ވިދާޅުވި އެވެ.