އޮރިޔާން ވީޑިއޯ ލީކް ކުރާ ބައެއް ދެނެގަނެވިއްޖެ، ހައްޔަރު ކުރާނަން: ފުލުހުން
ދެންމެ | 27 ޖޫން 2022
ސޯޝަލް މީޑިއާގައި މިހާރު އާންމުވަމުންދާ އެއްޖިންސުން ގުޅުން ހިންގާ ބަރަހަނާ ވީޑިއޯތައް ލީކުކޮށް ބްލެކްމެއިލް ކުރާ މައްސަލައިގެ ތުހުމަތަށް ބަޔަކު ދެނެގަނެވިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މިދިޔަ ހަފްތާއިން ފެށިގެން ބައެއް ސިޔާސީ އިސް މީހުންނާއި އަދި އެ ނޫންވެސް ބައެއް މީހުންގެ ބަރަހަނާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެމީހުންނަށް ވީޑިއޯތައް މެދުވެރިކޮށް ބްލެކްމެއިލް ކުރަމުން އަންނަ ކަމަށް ވެސް ވެއެވެ.

އެކަމާ ގުޅިގެން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވެފައި ވަނީ ވީޑިއޯތަކުގެ މައްސަލައިގައި ބަޔަކު ދެނެގަނެވިފައިވާ ކަމަށެވެ. އަދި އެ މީހުންގެ މައްޗަށް ހިންގަން ޖެހޭ ތަހުގީގުތައް ހިންގަމުން އަންނަ ކަމަށެވެ. މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަނީ މިދިޔަ މާޗް މަހުން ފެށިގެންނެވެ.

އެކަމަކު އެ މައްސަލައިގައި ދެނެގަނެވިފައި ވަނީ ކިތައް މީހުން ކަމެއް ހާމައެއް ނުކުރައްވަ އެވެ. ރިޔާޒް ވިދާޅުވީ މިފަދަ ހައްސާސީ މައްސަލަތައް ތަހުގީގުކުރެވެމުންދާއިރު، އެފަދަ މައުލޫމާތު އާންމު ނުކުރެވޭނެ ކަމަށެވެ.

”މި މައްސަލައިގަ އަޅުގަނޑުމެން ވީޑިއޯތަކާ ގުޅޭގޮތުން މި ކަމުގައި ހަރަކާތްތެރިވާ ފަރާތްތަކެއް ދެނެގަނެވިފަ ވަނީ. އެފަރާތްތަކުގެ މައްޗަށް ހިންގަން ޖެހޭ ތަހުގީގުތައް އެބަ ދެނެގަނެވޭ،“

ރިޔާޒް އިތުރަށް ވިދާޅުވެފައި ވަނީ އެއްޖިންސުން ގުޅުން ހިންގުން ފަދަ މައްސަލަތަކަކީ ޖިނާއީ ބޮޑެތި ކުށްތަކަކަށްވާއިރު، މިފަދަ މައްސަލަތަކުގައި ހިމެނޭ ހުރިހާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެންނަވާނެ ކަމަށެވެ. ވަކި މީހަކަށްވީތީ އަދި ވަކި މަގާމެއްގައި ހުންނެވި ބޭފުޅަކަށް ވީތީ ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ލީކުވެގެން އުޅޭ ވީޑިއޯތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ކަމަށް ބެލެވޭ މީހެއްގެ ވީޑިއޯއެއްގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް މީގެ ކުރިން ވަނީ ބުނެފަ އެވެ. އޭނާގެ ބަޔާނެއް ނަގައި އަދި އޭނާގެ ޕާސްޕޯޓު ވެސް މިހާރު ވަނީ ހިފަހައްޓައިފަ އެވެ.

މީގެ އިތުރުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ކަމަށް ބެލެވޭ މީހެއްގެ ބަރަހަނާ ފޮޓޯއެއްގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!