ޑީއާރުޕީ އިން ވެސް ތިން ހާސް މީހުން ހަމަކޮށްފި
ދެންމެ | 29 ޖޫން 2022

މެންބަރުންގެ ޢަދަދު ހަމަކުރުމަށް ދިވެހި ރައްޔިތުންގެ ޕާޓީ، ޑީއާރްޕީ އަށް ދިން މުއްދަތުގެ ތެރޭގައި އެޕާޓީން މެންބަރުން ހަމަކޮށްފިއެވެ.

ސިޔާސީ ޕާޓީތަކަށް މެމްބަރުން ހާމަކުރުމަށް އޮންނަ ޤާނޫނީ ޢަދަދު ހަމަކުރުމާ ގުޅިގެން އެކަމުގެ ރަސްމީ ލިޔުން އެޕާޓީއާ ހަވާލުކުރައްވާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން 4 ޕާޓީއެއްގެ މެންބަރުންގެ އަދަދު 3000އަށްވުރެ ދަށްވުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ ނޯޓިސް ފޮނުވާފައެވެ. އިލެކްޝަނުން ދިން މުއްދަތުގައި ހަތަރު ޕާޓީންވެސް ވަނީ ޤާނޫނީ އަދަދު ހަމަވާ ވަރަށް ފޯމު ހުށަހަޅާފައެވެ.

ޤާނޫނުގައި ބުނާ ޢަދަދަށް މެމްބަރުން ހަމަނުވެގެން ނޯޓިސް ފޮނުވާފައިވަނީ ޑީއާރުޕީ އާއި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް، އެމްއާރުއެމްއާއި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ އެމްއެލްއެސްޑީ އާއި އަދިބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް، އެމްޓީޑީއަށެވެ.

މިޕާޓީތަކުގެ ތެރެއިން އެމްއާރުއެމްއާއި، އެމްޓީޑީގެ މެމްބަރުންގެ ޢަދަދު ހަމަވިކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އެޕާޓީތަކަށް ކުރިން އަންގާފައެވެ.

ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށްފައިވާ އިރު، އޭގެ ތެރެއިން ގިނައީ 10000 މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތަކެވެ. ޤާނޫނުގައި ބުނާގޮތުން 3000 މެމްބަރުން ތިބިނަމަ އިލެކްޝަންސްގެ ދަފްތަރުގައި ޕާޓީ ހިމެނޭނެއެވެ. ނަމަވެސް ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާ ލިބެނީ 10000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.

ޑީއާރުޕީ އަކީ ކުރީގެ ރައީސް، ރައީސް މައުމޫނު އުފެއްދެވި ޕާޓީއެކެވެ. އަދި ޑީއާރުޕީ އަކީ ރާއްޖޭގައި ދެވަނައަށް ރަޖިސްޓަރީ ކުރެވުނު ސިޔާސީ ޕާޓީއެވެ. މިހާރު ޑީއާރުޕީ ހިންގަވަނީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރުގެ ބެއްލެވުމުގެ ދަށުންކަން ފާހަގަ ކުރެވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!