މީޑިއާގެ މިނިވަންކަމަށް ރައީސްގެ ހެޔޮ ނިޔަތެއް ނެތް: އެމްޖޭއޭ
ދެންމެ | 18 ޖުލައި 2022

މީޑިއާގެ މިނިވަންކަން ކަށަވަރުކޮށްދޭން ދައުލަތުގެ ހެޔޮ ނިޔަތެއް ނެތް ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން މިރޭ ބުނެފި އެވެ. އެ ޖަމިއްޔާއިން މިހެން ބުނީ ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު، ޝަރީއަތް މެދުވެރިކޮށް ހާމަ ކުރުވޭ ގޮތަށް ހެއްކާބެހޭ ބިލު މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވުމާއި ގުޅިގެން އެކަން ކުށްވެރި ކޮށް ނެރުނު ބަޔާނެއްގައެވެ.

އެމްޖޭއޭ އިން ބުނީ މަސްދަރު ހާމަކުރުމަށް މަޖުބޫރު ކުުރުވޭ ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާ އިސްލާހު ކުރުމަށް ގޮވާލާ 158 ނޫސްވެރިއަކު ސޮއިކޮށް ރައީސްއަށް ޕެޓިޝަނެއް ހުށައަޅާފައި ވަނިކޮށް އޭގައިވާ ކަންބޮޑުވުންތަކަށް ފަރުވާލެއް ނެތި، ރައީސް ސޯލިހް މިއަދު އެ ގާނޫނު ތަސްދީގުކޮށްފައިވާތީ އެމްޖޭއޭ އިން އެކަން ކުށްވެރިކުރާ ކަމަށެވެ. އަދި މިއީ ގާނޫނު އަސާސީ އިން ކަށަވަރުކޮށްދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މީޑިއާގެ މިނިވަން ކަމާއި ރައްޔިތުންނަށް ސައްހަ މައުލޫމާތު ލިބުމުގެ ހައްގަށް ސަރުކާރުން ހުރަސް އަޅަައި އެ ހައްގު ހަނިކުރުމަށް ސަރުކާރުން ހިންގި އަމަލެއް ކަމުގައި އެ ޖަމިއްޔާ އިން ދެކޭ ކަމަށެވެ.

”… އަދި މިކަމުން އެނގިގެން ދަނީ މީޑިއާގެ މިނިވަންކަން ކަށަވަރުކޮށް ދިނުމަށް ދައުލަތުގެ އިދާރާތަކުގެ ހެޔޮ ނިޔަތް ނެތް ކަމެޗެ. އަދި ގާނޫނު އަސާސީ އިން ކަށަވަރު ކޮށްދޭ އަސާސީ ހައްގެއް ހަނިކުރުމުގައި ރައްޔިތުންގެ މަޖިލީހާއި ސަރުކާރުން އަމަލުކޮށްފައިވާ ގޮތަކީ ވަރަށް ގައިރު ޒިންމާދާރު ގޮތެއް ކަމުގައިވެސް މި ޖަމިއްޔާއިން ފާހަގަކޮށް އެކަމާ ހިތާމަ ކުރަމެވެ،“

އެމްޖޭއޭ އިން ބުނީ މަސްދަރު ހާމަކުރުމަށް މަޖުބޫރު ކުރެބޭ ގޮތަށް އޮތް ގާނޫނުގެ 136 ވަނަ މާއްދާ އިސްލާހު ކުރުމަށް އެ ޖަމިއްޔާއިން ނޫސްވެރީންގެ ހައްގުގައި ކުރަމުން އައި މަަސައްކަތް ހުއްޓާނުލާނެ ކަމަށެވެ.

މީޑިއާގެ މިނިވަންކަން ކަށަވަރުކޮށްދޭން ވައުދުވެ ވެރިކަމަށް ވަޑައިގެންނެވި ރައީސް ސޯލިހް، މިހާރު އަމަލު ކުރަމުންދާ ގޮތާމެދު ނޫސްވެރީން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!