ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވުމަށް ބާރު އެޅުމަށް ކަމަށް ބުނެ، ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ 3ރ. އިން 8ރ. އަށް މަތިކުރަން ގާނޫނު ބަދަލުކުރުމާ އެކު ސިނގިރޭޓު ފޮއްޓެއްގެ އަގު 300ރ. އާ ގާތްކުރާނެ ކަމަށް ބެލެވިއްޖެ އެވެ.
ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރަން ގާނޫނު އިސްލާހުކުރަން ހުށަހަޅާނެކަން ހާމަކުރެއްވީ މިއަދު ހެނދުނު ރައީސް ޑރ. މުހަައްމަދު މުއިއްޒު އެވެ.
މި ބަދަލާ ގުޅިގެން ރާއްޖޭގައި އެންމެ އާންމުކޮށް ބޭނުންކުރާ ދުންފަތުގެ ބާވަތް ކަމަށްވާ ސިނގިރޭޓުގެ އަގަށް އަންނާނެ ބަދަލުތަކާ ގުޅޭ މައުލޫމާތުތައް ”އަދަދު“ ނޫހުން އެއްކުރުމުން ގާތްގަނޑަކަށް ދެތިން ގުނަ ކޮންމެ ސިނގިރޭޓު ފޮއްޓަކުން ބޮޑުވާނެކަން ވަނީ އެނގިފަ އެވެ.
ރާއްޖޭގެ ފިހާރަތަކުން މިވަގުތު ސިނގިރޭޓު ފޮއްޓެއް ވިއްކަނީ 105ރ. އާއި 112ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. މިއަދު ވެސް ސިނގިރޭޓު ކާޓަނެއްގެ އަގު ހުރީ 995ރ. އަށެވެ.
ސިނގިރޭޓަކަށް އިތުރުވާ 5ރ. އާއެކު ސިނގިރެޓެއް 9ރ. ގެ ރޭޓުން ބަލައިގެން 180ރ. އަށް 20 ސިނގިރޭޓު އޮންނަ ފޮއްޓެއްގެ އަގު އަރާނެ އެވެ. ބައި ރުފިޔާގެ ރޭޓުން ކޮންމެ ސިނގިރޭޓަކަށް ދައްކަން ޖެހޭ އިންވޮއިސް ފީއާއެކު 10ރ. އިތުރުވާނެ އެވެ. ޖީއެސްޓީ ކަލްކިއުލޭޓް ކުރާނީ ފޮއްޓަކަށް 190ރ. އިން އަށް ޕަސެންޓުގަ އެވެ. އެހެންކަމުން ގާތްގަނޑަކަށް ފޮއްޓެއްގެ އަގު 205ރ. އަށް އަރާނެ އެވެ.
މިއީ ވިޔަފާރި އުސޫލުން ވިއްކާ އެއްޗެއް ކަމަށްވާއިރު އާންމު މީހާއާ ހަމައަށް ސިނގިރޭޓު ފޮއްޓެއް ދާނީ ޓެކްސްތަކާއި ޑިއުޓީގެ ބޭރުން ހިނގާ ހުރިހާ ހަރަދެއް ކަވަރުވާ ގޮތަށް ހަދާ ވިޔަފާރީގެ ފައިދާ ހިމަނައިގެންނެވެ.
ފައިދާއަށް 50ރ. އިތުރުކުރުމުން ވެސް ފޮއްޓެއްގެ އަގު 255ރ. އަށް އަރާނެ އެވެ. މި ހަބަރަށް އެކި މަސްދަރުތަކުން އެއްކުރި މައުލޫމާތުތަކުން ކަށަވަރު ކުރެވޭ ގޮތުގައި ފައިދާގެ ގޮތުގައި 70ރ. އަށްވުރެ ބޮޑުކޮށް ސިނގިރޭޓު ވިއްކާ ވިޔަފާރިތަކުން ނަގާނެ އެވެ. އެހެންކަމަށް ވެއްޖެނަމަ ފޮއްޓެއްގެ އަގު 275ރ. އަށްވުރެ އިތުރުވާނެ އެވެ.
ދުވާލަކަށް ސިނގިރޭޓު ފޮއްޓެއް ބޯ މީހަކު މަހެއްގެ މައްޗަށް ހަރަދުކުރަނީ ގާތްގަނޑަކަށް 3,000ރ. އެވެ. ޑިއުޓީ ބޮޑުކުުރުމުން ސިނގިރޭޓު ފޮއްޓެއްގެ އަގު އުފުލުމުން އޭރުން މަހަކު 8,000ރ. އަށްވުރެ އިތުރަށް ދުވާލަކު ފޮއްޓެއް ބޯ މީހަކު ހަރަދުކުރަން ޖެހޭނެ އެވެ.
ސިގަރެޓް އިމްޕޯޓް ޑިއުޓީއަށް ގެނައި ބަދަލުތައް
ޑިސެމްބަރު 2011 – ސްޕެސިފިކް ރޭޓް 0.90ރ. އަށް ހެދުން
އެޕްރީލް 2015 – ސްޕެސިފިކް ރޭޓް 1.25ރ. އަށް ބޮޑުކުރުން
މާޗު 2017 – ސްޕެސިފިކް ރޭޓް 2ރ. އަށް ބޮޑުކުރުން
އޮގަސްޓު 2020 – ސްޕެސިފިކް ރޭޓް 3ރ. ބޮޑުކުރުން
ނޮވެމްބަރު 2024 – ސްޕެސިފިކް ރޭޓް 8ރ. އަށް މަތިކުރުން
ގާނޫނަށް ގެންނަ ބަދަލުތައް
ރައީސް މުއިއްޒުގެ ރަސްމީ އެކައުންޓުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓާއި އެޑްވަލޮރެމް ރޭޓް ބޮޑުކުރަން ގާނޫނަށް އިސްލާހު ގެންނަން މި ހަފުތާގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ނިންމަވާފައިވާ ކަމަށެވެ.
މަޖިލީހަށް ފޮނުވާ އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ:
އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ 7 ވަނަ މާއްދާގެ ޗެޕްޓަރ 24 ގެ ދަށުން ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް 3 ރުފިޔާއިން 8 ރުފިޔާއަށް މަތިކުރުން
މި މުދަލުން ނެގޭ އެޑްވަލޮރަމް ރޭޓް 50 އިން ސައްތަ މަތިކުރުން
ސިނގިރޭޓު ފޮށީގެ އިތުރުން އެހެން ހުރިހާ ބާވަތެއްގެ ދުންފަތުގެ އަގުތައް ވެސް ބޮޑުތަނުން އުފުލޭނެ އެވެ.